ޚަބަރު

މީރާގެ ބޯޑަށް މަޚުތޫމް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މަޚްތޫމް ސަލީމް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މަޚްތޫމް ސަލީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 80 މެންބަރުންގެ ވޯޓާއެކުގައެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ މަޚްތޫމް ސަލީމް އާއި އިސްމާއިލް ސާޖިދުގެ ނަމެވެ. ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދާދިފަހުން ގެނައި އިޞްލާހުގައި ވަނީ މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢަދަދު 7 އަށް އިތުރުކޮށް، ބޯޑުގެ ދައުރަކީ 5 އަހަރުކަމަށް ކަނޑައަޅާފައެވެ.

މީރާގެ ބޯޑު މެންބަރުކަމަށް މަޚްތޫމް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވާއިރު، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ ޖަމީލް އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އައްޔަންކޮށްފައެވެ.