ޚަބަރު

މަރަދޫ ބަނދަރު ތޮށިލުމުގެ މަސައްކަތް ފަށައިފި


އައްޑޫސިޓީ މަރަދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގައި ހިމެނޭ ބޭރު ތޮށި ލުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަސައްކަތް އެމްޓީސީސީއެކު ވެފައިވާ އާއެއްބަސްވުމެއްގެ ދަށުން އަލުން ހަވާލު ކުރެވުނީ، މިއަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ. މިއީ ސަރުކާރުން 28 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. މަރަދޫ ބަނދަރުގެ ބޭރު ތޮށި ލުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ މަރަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމީއްޔާތުގައި އެމްޓީސީސީގެ ސިއީއޯ ހަސަން ޝާހްއެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހް ވަނީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ޢުމްރާނީ ތަރައްޤީގެ ވައުދުތަކުގެ ތެރެއިން އައްޑޫ ސިޓީގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް އެކުންފުންޏާއި ހަވާލު ކުރައްވާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިވަޢުދުތައް ފުއްދުމަށް އެކުންފުނިން މަސައްކަތް ކުރައްވާނެ ކަމަށް ޝާހް ވިދާޅުވިއެވެ. މީގެ އިތުރުން އެމްޓީސީސީއަށް އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ޙަވާލުކޮށްފައި ވުމުން އެކަން އޭނާ ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރައްވާފައެވެ.

މަރަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 276 މީޓަރުގެ ބޭރު ތޮށްޓެއް ލުމާއި، އެއްގަމުން މޫދާވީ ފަޅީގައި 340 މީޓަރު ބޭރު ތޮށްޓެއް ލުމާއި، އެއްގަމުތޮށިން ބޭރުތޮށްޓަށް ދެވޭގޮތަށް 140 މީޓަރުގެ ފާލަމެއް އެޅުމާއި، ބޭރުތޮށީގައި ގައު އެތުރުމާއި، ބަނދަރުގައި ބައްތި ޖެހުން ހިމެނެއެވެ. މިމަސައްކަތް ޙަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ 165 ދުވަހުގެ ތެރޭ ނިންމުމަށެވެ. ބަނަދަރުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އެމްޓީސީސީ އާއި އަލުން މިމަސައްކަތް ހަވާލު ކުރީ މިދިޔަ ސަރުކާރުގައި، މިދިޔަ އަހަރު މޭއި މަހު އެކުންފުންޏާއި މަސައްކަތް ޙަވާލުކޮށް މަސައްކަތް ހުއްޓިފައި ވަނިކޮށެވެ. މިކަމާ ގުޅޭ ގޮތުން މީގެ ކުރީން ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދައިރާގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެމުން ޕްލޭނިންގް މިނިސްޓަރ އަސްލަމް ވިދާޅުވި، ސިޓީ ކައުންސިލުގެ އެދުމުގެ މަތިން ޑިޒައިނަށް ބަދަލު ގެނެސް އާއެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޖުމްލަ 328 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް އައްޑޫގައި އެމްޓީސީސީން މިވަގުތު ކުރިއަށް އެބަގެންދެއެވެ. އެގޮތުން މަރަދޫ ބަނދަރުގެ އިތުރުން، ހުޅުމީދޫގެ މިފްކޯ ބަނދަރާއި، މީދޫ ބަނދަރުގެ މަަސައްކަތްވެސް އެކުންފުނިން ކުރަމުން އެބަދެއެވެ.