ސިއްހަތު

ރ.އަތޮޅުގައި ޑެންގީ ކޮންޓްރޯލް ކުރުމަށް ހާއްސަ ޓާސްކްފޯހެއް


ރ. އަތޮޅަކީ ޑެންގީ ހަލުވިކަމާއެކު ފެތުރެމުންދާ އަތޮޅެއްކަން ހެލްތު މިނިސްޓްރީން ފާހަގަކުރައްވާފައިވާތީ، އަތޮޅު ފެންވަރުގައި ޑެންގީން ރައްކާތެރިވުމަށް ޚާއްސަ ޓާސްކް ފޯހަކުން މަސައްކަތް ފަށައިފިއެވެ.ރ.އަތޮޅު ކައުންސިލުގައި ޓާސްކް ފޯސް އެކުލަވާލާ މިއަދު ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު، އަތޮޅުގައި ޑެންގީ އޮތް ހާލަތު ވަޒަންކޮށް، ރަށްރަށުގައި ޑެންގީ ފެތުރެން ދިމާވާ ސަބަބުތައް ދެނެގަނެ ރައްކާތެރިވުމަށް ކުރެވެން ހުރި ކަންކަން ފާހަގަކޮށްފައިވެއެވެ.ރ.އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުން މިޓާސްކް ފޯސް ހަރަކާތްތެރިވާނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި، އުނގޫފާރުގައި ހުރި ބައެއް ދާއިރާތައް ޝާމިލުވެގެންކަން ރ.އަތޮޅު ކައުންސިލުން ފާހަގަކުރެއެވެ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކު ހެލްތު ޔުނިޓުން ބުނީ މިއަހަރުގެ މިހާތަނަށް ރ.އަތޮޅުން ޑެންގީގެ ސާޅީސް އަށް ކޭސް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެތެރެއިން ބައެއް ކޭސްތަކުގައި ހާލުދެރަ ބައެއް ކުދިން މާލެފޮނުވަންޖެހުނު ނަމަވެސް ގިނަ ކޭސްތައް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ރަނގަޅުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.ފަސޭހަކަމާއެކު ފެތުރޭ މިފަދަ ބަލިތަކުން ސަރަހައްދީ ހޮސްޕިޓަލު ހުންނަ އުނގޫފާރު ރައްކާތެރިކޮށް އާންމުން ހޭލުންތެރިކުރުމަށް އެރަށުގެ ޒުވާނުން އިސްނަގައިގެން އިއްޔެވަނީ ހަރަކާތެއްވެސް ފަށާފައެވެ.މިހާތަނަށް އުނގޫފާރުގެ އެއް ކުއްޖަކަށް މި ބަލި ޖެހިފައިވާކަމަށާއި އެހެންނަމަވެސް އެކުއްޖާއަކަށް ބަލިޖެހިފައިވަނީ ރަށުން ބޭރަށް ދަތުރެއްކޮށްފައި އައި އިރުކަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޑިޕާޓުމެންޓުން މައުލޫމާތުދެއެވެ.