ސިއްހަތު

ހަކުރު ބައްޔަށް ހޭލުންތެރިކުރުވުމުގެ ގޮތުން ހުޅުމާލޭގައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންފޮސްފި


ހަކުރު ބައްޔާމެދު ޢާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ހުޅުމާލޭގައި ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންފޮސްފިއެވެ. ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާގުޅުވައިގެން ހުޅުމާލޭ ހޮސްޕިޓަލުން ކުރިއަށްގެންދިޔަ މިޙަރަކާތްތަކުގައި ހަކުރު ބައްޔަކީ ކޮބައިކަމާއި، ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަންކަމާއި ބަލީގެހުރި ނުރައްކަލާއި، އެބަލިން ދިފާޢުވުމަށް ކުރެވިދާނެކަންކަމާގުޅޭގޮތުން ތަފާތު މަޢުލޫމާތުދީފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ސީ.އީ.އޯ މާރިޔާ ސަޢީދު ވިދާޅުވީ، މި ޙަރަކާތުގެ ތެރެއިން ހުޅުމާލޭގެ 98 ގެއަކަށް އެ ހޮސްޕިޓަލްގެ ޓީމްތައް ޒިޔާރަތްކޮށް، 237 މީހަކު ހަކުރު ބައްޔަށް ސްކްރީންކޮށްފައިވާކަމަށެވެ. އަދި މިކަމުގައި ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން، ހުޅުމާލޭ ސްކޫލްތަކުގައި މަސައްކަތްކުރާ ހެލްތް އޮފިސަރުންގެ ބައިވެރިވުންވެސް ލިބިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓާގެޓްކުރީ 80 ގެއަށް ޒިޔާރަތްކުރުމަށް.. ނަމަވެސް މި ހަރަކާތުގައި 98 ގެއަކަށްގޮސް ހަކުރު ބައްޔަށް ޓެސްޓްކުރުމުގެ ކަންކަންވާނީ ކޮށްފައި. 237 ފަރާތެއް އަޅުގަނޑުމެންނަށް ޓެސްޓްކުރެވުނު. މުޖުތަމަޢުއަށް އަމާޒުކޮށްގެން މި ހިންގި ހަރަކާތަށް ވަރަށް ބޮޑު ތަރުޚީބެއް ލިބުނު. އެބޭފުޅުން ވަރަށް ބަލައިގަތް މި ކަންތައް." ހުޅުމާލޭ ހޮސްޕިޓަލްގެ ސީ.އީ.އޯ މާރިޔާ ސަޢީދު ވިދާޅުވިއެވެ.

މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަޤްޞަދަކީ ހަކުރު ބައްޔަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިިން ދުނިޔޭގެ ނިސްބަތުންވެސް އެންމެ އާއްމު އެއް ބަލިކަމަށްވެފައި، ރާއްޖޭގައިވެސް ހަކުރު ބަލި އިތުރުވަމުންދާތީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއަޅާ، ހޭލުންތެރިކަން އިތުރުކުރުވުންކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.