ވިޔަފާރި

މަންޓާ އެއަރގެ ސީޕްލޭން ޓަރމިނަލް ހުޅުވައި ދަތުރުތައް ރަސްމީކޮށް ފަށައިފި


މަންޓާ އެއަރގެ ސީޕްލޭން ޓަރމިނަލް ހުޅުވައި ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޓަރމިނަލް ހުޅުވައިދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާލިހްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ ސާލިހް ވިދާޅުވީ އައު ސީޕްލޭން ޓާމިނަލްގެ މަސައްކަތް އުންމީދުކުރި ބާރުމިނުގައި ކުރިއަށްނުދާތީ އޭގެސަބަބުން ދަތިތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. ކުރިއަށްއޮތީ ފަތުރުވެރިކަމުގެ ސީޒަންއަށްވުމުގެ ސަބަބުން ސީޕްލޭން އޮޕަރޭޝަންއަށްވެސް ބާރުބޮޑުވެގެންދާނެކަމަށް ސާލިހް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަމެއް ނާންނާނެކަން ކަށަވަރުކުރުމުގެ ގޮތުން މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ސާލިހް ވިދާޅުވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ މަންތާ އެއަރގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ އެއަރލައިންގެ ސީޕްލޭން ދަތުރުތަކުގައި ބޭނުންކުރުމަށް 5 ބޯޓެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. ސީޕްލޭންގެ ދަތުރުތައް އެ އެއަރލައިނުން އަދި ދެމުންދާނީ ރާއްޖޭގެ 2 ރިސޯޓަކަށެވެ. ސީޕްލޭންގެ ޙިދުމަތްދިނުމަށް ޖުމްލަ 10 ބޯޓު ގެނައުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

މަންތާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި އޮޕަރޭޓްކުރާ 3 ވަނަ އެއަރލައިންނެވެ. މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. މިއެއަރލައިންގެ އުދުހުންތައް މި ވަގުތު ބާއްވަމުން ގެންދަނީ ބ.ދަރަވަންދުއަށާއި ދ.ކުޑަހުވަދޫއަށެވެ.