ޚަބަރު

ބިދޭސީންގެ އިންޝުއަރެންސް ޕްލޭނަށް އަމަލުކުރަން ފަށައިފި


ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސިއްޙީ ފަރުވާ ކަވަރކޮށްދޭ އިންޝުއަރެންސް ޕްލޭނަށް އަމަލުކުރަން ފަށައިފިއެވެ.މިއަދު އަމަލުކުރަން ފެށި "އެކްސްޕެޓްރިއޭޓް ހެލްތު އިންޝުއަރެސް ޕްލޭން" އަކީ، ރާއްޖޭގައި މަސައްކަތްކުރުމަށް ހުއްދަ ދެވިފައިވާ، ބިދޭސީންނަށް އިމިގްރޭޝަންގެ ވޯކް ވިޒާގެ ޤަވާއިދުގެ ދަށުން ލާޒިމްކުރާ ހެލްތު އިންޝުއަރެންސް ސްކީމެކެވެ.ޑިޕާޓްމަންްޓް އޮފް އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ވިސާއަށް ހުށަހަޅާއިރު އިންޝުއަރެންސް ޕްލޭނަށް އެދި ހުށަހަޅަންޖެހޭކަމަށާއި، ދެ ބަޔަކަށް ބަހާލާފައިވާ މި ސްކީމްގައި ހިމެނެނީ ލާޒިމް ކުރާ ބަޔަކާއި އިޚްތިޔާރީ ބައެއް ކަމަށެވެ. އެގޮތުން އެއްލައްކަ ރުފިޔާ ހިމެނޭ ލާޒިމް ކުރާ ބައިގައި އެޑްމިޓްކޮށްގެން ދޭ ފަރުވާތައް ހިމެނެއެވެ. މި ބައިގައި ދެން ހިމެނެނީ މަސައްކަތް ކުރާ ބިދޭސީއަކު މަރުވެއްޖެ ނަމަ އޭނާ ރާއްޖޭގައި ވަޅުލުމަށް ނުވަތަ ގައުމަށް އެނބުރި ގެންދިޔުމަށް ދާ ޚަރަދެވެ.ސްކީމްގެ އިޚްތިޔާރީ ބައިން އަހަަރަކު ފަންސާސްހާސް ރުފިޔާގެ ބޭސް ފަރުވާ ކަވަރުކޮށްދޭއިރު މީގައި ހިމެނެނީ މަސައްކަތް ކުރަނިކޮށް ލިބޭ ޖިސްމާނީ އަނިޔާތަކެވެ. އަދި އެޑްމިޓް ނުކޮށް ދޭ ފަރުވާތަކަށް ކަނޑައަޅާފައިވަނީ އަހަރަކު ދެހާސް ރުފިޔާއެވެ.އިމިގްރޭޝަނުން ބުނީ ލާޒިމް ބައިގައި ހިމެނޭ އެޑްމިޓްކޮށްގެންދެވޭ ފަރުވާތަކަށް އަހަރަކަށް ފަސްސަތޭކަ ފަންސާސް ރުފިޔާ ދައްކައިގެން އެއްލައްކަ ރުފިޔާގެ ޚިދުމަތް އަހަރަކަށް ލިބޭނެކަމަށެވެ. އަދި އިތުރަށް ސަތޭކަ ރުފިޔާ ދައްކައިގެން އެޑްމިޓް ނުކޮށް ދެވޭ ޚިދުމަތްތައް ދެހާސް ރުފިޔާއަށް، ލިބޭނެކަމަށްވެސް އެފަރާތުން ބުނެއެވެ.މީގެ އިތުރަށް ފައިސާ ދައްކައިގެން ޚިދުމަތް ލިބޭނެ އޮޕްޝަންތަކެއް ހުންނާނެކަމަށްވެސް އިމގްރޭޝަނުން ބުނެއެވެ.އާ އިންޝުއަރެންސް ސްކީމާއެކު މިހާރު ވިސާގެ މުއްދަތު ހަމަނުވާ ފަރާތްތަކުން މިސްކީމަށް އެދި ހުށަހަޅަންޖެހޭނީ ކުރީގެ އިންޝުއަރެންސް ސްކީމްގެ މުއްދަތު ހަމަވުމުންނެވެ.ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުން ބުނީ މިފަދަ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރަން ނިންމީ ބިދޭސީން އެޑްމިޓްކޮށްގެން ފައިސާ ނުދެއްކިގެން ދިމާވަމުންދާ މައްސަލަތަކާއި ގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށެވެ.މި ސްކީމްގެ ދަށުން ބޭސް ފަރުވާގެ ޚިދުމަތް ރާއްޖޭގެ ސިއްހީ ފަރުވާ ދޭ ހުރިހާ ތަންތަނަކުން ހިލޭ ލިބޭނެއެވެ. އެހެންނަމަވެސް އަމިއްލަ ތަންތަނުން މި ޚިދުމަތަށް 15 ޕަސެންޓް ދައްކަން ޖެހޭކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.