ޓެކްނޮލޮޖީ

ނެޝެނަލް ޑޭޓާ ސެންޓަރުގެ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަފްތާއެއްތެރޭ ނިމޭނެ - މިނިސްޓަރ މަލީޙް


ނެޝެނަލް ޑޭޓާ ސެންޓަރުގެ ސިސްޓަމްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހައި ދުވަހުގެތެރޭގައި ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ނެޝެނަލް ޑޭޓާ ސެންޓަރަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، އައި.އެސް.އޯ ސެޓިފައިޑްތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ނެޝެނަލް ޑޭޓާ ސެންޓަރުގެ ސިސްޓަމްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ، ނޭޝަނަލް ޑޭޓާ ސެންޓަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އޮފްސައިޓް ޑޭޓާ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމުކުރާ މި ނިޒާމަކީ 100 ޓެރަބައިޓްގެ ބެކަޕް ސިސްޓަމެއްކަމަށް މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މިނިސްޓަރ މަލީޙް ވިދާޅުވީ، ޑޭޓާތައް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި، ހާޑްވެއަރތަކާއި ސޮފްޓްވެއަރތައް މިހާރު ހަމަކޮށްދީފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭ، ނެޝެނަލް ޑޭޓާ ސެންޓަރުގެ އަޕްގްރޭޑިންގ ހުރިހާ މަސައްކަތެއް ނިންމާލެވޭނެކަމަށވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންވާނީ ނެޝެނަލް ޑޭޓާ ސެންޓަރަށް ވަނުމުގެ އެކްސެސް ކޮންޓްރޯލް ހަރުދަނާކޮށްފައި. އެއަށްވުރެ ބެލެހެއްޓޭ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށްފައި. ބެކަޕް ސިސްޓަމް މިހާރަށްވުރެ ހަރުދަނާކޮށްފައި. އަދި ނެޝެނަލް ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއަރއާއި ސޮފްޓްވެއަރތައް މިހާރުވާނީ ހަމަކޮށްދީފައި." މިނިސްޓަރ މަލީޙް ވިދާޅުވިއެވެ.

މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ ޑޭޓާ ބެލެހެއްޓުމުގެ ކަންކަން މިހާތަނަށްކޮށްފައިވަނީ އެންމެ އެކަށީގެންވާގޮތަށްނޫންކަމަށެވެ. އަދި ޑޭޓާ ރައްކާކުރުމަށް އެކަށީގެންވާރުގެ ސަމާލުކަމެއްދެވިފައި ނެތުމުގެ ސަބަބުން، ރިކަވަރނުކުރެވޭ ވަރަށް ބައެއް ވުޒާރާތަކުގެ ޑޭޓާތައް ގެއްލިފައިވާކަން މިނިސްޓަަރ ފާހަގަކުރެއްވިއެވެ.

"މަޢުލޫމާތު ބެލެހެއްޓޭގޮތަކުން ޑޭޓާ ބެލެހެއްޓޭ ގޮތަކުން ބައެއްފަހަރު އެބަހުރި ޑޭޓާ ލޮސްތަކެއް އައިސްފައި. ރިކަވަރނުވާ ވަރަށް ބައެއް ޑޭޓާތައް ބައެއް މިނިސްޓްރީތަކުން ގެއްލިފައި އެބަހުރި.. މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާކަމެއް. ދަޢުލަތުގެ ކޮންމެ ޑޭޓާއަކީ ވަރަށް މުހިއްމު ވަރަށް ރަނގަޅަށް ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭ އެއްޗެއް. އަޅުގަނޑުމެންގެ އެދުމަކީ އަމިއްލަ އޮފީސްތަކުގެ ސިސްޓަމްތަކުގައި ބަލަހައްޓާ ޑޭޓާތައްވެސް ނެޝޭނަލް ޑޭޓާ ސެންޓަރުގައި އޭތި ބެކަޕް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން. އަޅުގަނޑުމެންގެ ސްޓާފުން އެކަމުގައި ހުރިހާ އޮފީހަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ." މަލީޙް ވިދާޅުވިއެވެ.

ނެޝެނަލް ޑޭޓާ ސެންޓަރުގެ މަސައްކަތްތައް ހަރުދަނާކޮށް، ސަރުކާރުގެ އެކި ވުޒާރާތަކުގެ ޑޭޓާ ބެލެހެއްޓުމުގެ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކަށްވެސް، އެފަރާތްތަކުން ބޭނުންވާނަމަ، ޑޭޓާ ބެކަޕް ނެޝެނަލް ޑޭޓާގައި ބެލެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ވިދާޅުވެއެވެ.