ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ސަޖިތް ޕްރެމަދާސާ އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީ ޤަބޫލުކުރައްވާ ގޮތަބަޔާ ރާޖަޕަކްސައަށް މަރްޙަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވޯޓުގެ %48.2 ހޯއްދަވާ އިންތިޚާބު ކާމިޔާބުކުރެއްވީ ކުރީހެގެ ދިފާޢީ ވަޒީރު ގޮތަބަޔާ ރާޖަޕަކްސައެވެ. ޕްރަމަދޭސާއަށް ލިބިވަޑއިގަތީ %45.3އެވެ. އިންތިޚާބުން ލިބިވަޑައިގަތް ނާކާމިޔާބީއާއެކު ޕްރަމަދޭސާވަނީ ވެރިކަންކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުން އަމިއްލައަށް ވަކިވެވަޑައިގެންފައެވެ.
ސްރީ ލަންކާގެ އިންތިޚާބާބެހޭ މަރުކަޒުން ވިދާޅުވީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ނަތީޖާ ފުރިހަމައަށް ހާމަވެގެންދާވަރަށް ގުނުމުގެ ކަންކަން ނިމޭނެކަމަށެވެ. އަދި 24 ގަޑިއިރުގެތެރޭ އެ ޤައުމުގައި އައު ރައީސެއް ހުވާކުރައްވާނެކަމަށެވެ.
އެތައް މިލިއަން ރައްޔިތުން ވޯޓުލާން ބައިވެރިވިއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޝަރުތު ހަމަވަނީ 15.9 މިލިއަން މީހުންނަށެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ސްރީ ލަންކާގެ އެކި ސަރަޙައްދުތަކުގައި 12،845 ވޯޓު ފޮށި ބެހެއްޓިކަމަށް އެ ޤައުމުގެ އިންތިޚާބާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި 35 ކެނޑިޑޭޓުން ވާދަކުރެއްވިއެވެ. މިއީ އެ ޤައުމުގައި ބާއްވާ ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރެއްވި ފުރަތަމަ ފަހަރެވެ.