ޚަބަރު

ކްރޫޒް ލައިނަރތަކުގެ އިމިގްރޭޝަން ކްލިއަރެންސް ހެދޭނެ ނިޒާމެއް ތަޢާރަފްކޮށްފި


ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ކްރޫޒް ލައިނަރތަކުގެ އިމިގްރޭޝަން ކްލިއަރެންސް ހެދޭނެ ނިޒާމެއް ތަޢާރަފްކޮށްފިއެވެ. "އިމިގްރޭޝަން އެންރޫޓް ކްލިއަރެންސް ސަރވިސް" ރަސްމީކޮށް ތަޢާރަފްކޮށްފައިވަނީ ރާއްޖެގައި މިހާރު ބަނދަރުކޮށްފައިވާ އެމްއެސް ކޯސްޓަރ ވިކްޓޯރިއާ ކްރޫސް ލައިނަރގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ޚިދުމަތް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިންއެވެ. މި ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ޙުސައިން ވަނީ މި ޚިދުމަތް ވުޖޫދަށް ގެނައުމަށް، އިމިގްރޭޝަނުން ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ޚިދުމަތް ތަޢާރަފްކުރުމަށް މި ސަރުކާރުން ރާއްޖޭގެ ބޯޑަރ ކޮންޓްރޯލަށް ގެނައި ހެޔޮ ބަދަލުތައް މުހިންމު ދައުރެއް އަދާކޮށްފައިވާކަން މުޙައްމަދު އަޙްމަދު ޙުސައިން ވަނީ ވިދާޅުވެފައެވެ.

އިމިގްރޭޝަން އިން ކޮށްފައިވާ ޓުއީޓް

މީގެ އިތުރުން ސީޕޯޓް ކްލިއަރެންސް މޯބައިލް ނިޒާމަކަށް ހެދުމަކީ ހާސިލްކުރެވުނު ބޮޑު ކާމިޔާބީއެއްކަންވެސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ތަޢާރަފްކުރި މި ޚިދުމަތާއެކު، މާލޭ ސީޕޯޓުގައި ޤާއިމުކުރި ބޯޑަރ ކޮންޓްރޯލް ޑިވައިސްގެ ސަބަބުން ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ފަރާތްތަކުގެ މަޢުލޫމާތު ވަގުތުންވަގުތަށް އަޕްޑޭޓް ކުރެވޭނެއެވެ. އިމިގްރޭޝަނުން ވިދާޅުވީ މީގެ ސަބަބުން ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެވާ ފަރާތްތަކާއި ކުށުގެ ރިކޯޑު އޮތުމުގެ ސަބަބުން ރާއްޖެ އެތެރެވުން މަނާ މީހުން ހިފެހެއްޓުމުގެ ޔަޤީންކަން ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމް ހަރުދަނާކޮށްފައިވާއިރު، އަލަށް ގެނައި ބަދަލުތަކާއެކު ރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓުތަކާއި، ސީޕޯޓުތަކުގައި ބޭނުންކުރާ ޕައިސިސް ސިސްޓަމްތައް ވަނީ އަޕްޑޭޓްކޮށްފައެވެ.