ޚަބަރު

23 ވަނަ އަސާސީ ތަމްރީން ކޯހުން 59 އޮފިސަރުން ދަސްވެނިވެއްޖެ


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 23 ވަނަ އަސާސީ ތަމްރީން ކޯހުން ދަސްވެނިވި 59 އޮފިސަރުންނަށް ސެޓްފިކެޓް ދީފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ.

17 ހަފްތާގެ މުއްދަތަށް މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި މި އޮފިސަރުންނަކީ އަޚްލާގް ރަނގަޅު ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުން އެ މުއައްސަސާގެ ކުރިމަގު އުޖާލާކުރުމަށް ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުމަށްހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

ދަސްވެނިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކު ގައިދީންނާ ބައްދަލުވާ އޮފިސަރުންގެ ވިސްނުން ބަދަލުކޮށް، ފުރިހަމައަށް ތަމްރީނާއި ތަޖްރިބާ ލިބި، އިންސާނީ ހައްޤުތަކާއި ކަރާމާތް ރައްކާތެރިކުރުމުގެ ސިފަތައް އަށަގަނެގެން ކަމަށެވެ. އަދި ގައިދީން ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމުގައި ބަދަލުތައް ގެންނަން ޖެހޭކަމަށާއި މިކަން ކުރަން އޮފިސަރުންގެ ވިސްނުމަށް ބަދަލުގެންނަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވަނީ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ މީހުން މުޖުތަމަޢުއަށް އަލުން ނުކުންނައިރު އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަން ކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޖަލު އޮފިސަރުންގެ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ދެއްކެވި ވާހަކައިގައި ވަނީ، ޕްރިޒަން އޮފިސަރުންނަކީ ހަމައެކަނި ޖަލުގައި މީހުން ބަންދުކޮށް އެމީހުން ފިލައިގެން ދިޔަނުދޭން ތިބޭ ބައެއްނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޕްރިޒަން އޮފިސަރުންނަކީ ގައިދީން އިސްލާހުކޮށް އެމީހުންނަކީ މުޖްތަމައު ބަލައިގަންނާނޭ ފަދަ އާމްދަނީ ލިބޭ ހަރުދަނާ މީހުންނަށް ހެދުމަށް މަސައްކަތްކުރާ ބައެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޤްޞަދު ހާސިލުކުރުމަށް އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ ތައުލީމީ ދައުރު ފުޅާކުރުން މުހިއްމުކަމަށާއި އޮފިސަރުންނަށް މަތީ ތައުލީމާއި ތަމްރީން ލިބޭނެ މަގު ފަހިކުރުމުގެ ބޭނުންވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ކްރިމިނަލް ކޯޓްގެ ޤާޒީ އަލްއުސްތާޛް އަޙްމަދު ޝަކީލްއެވެ. މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން ޑިސްޓިންކްޝަން ހާސިލްކުރި އޮފިސަރުންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. އަދި “ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރު”އަށް ވަނީ ހަނދާނީ ލިޔުމާއި ފިލާ އަދި ބެރޭ ހަވާލުކޮށްފައެވެ.
މީގެ އިތުރުން “އެންމެ ހަށިހެޔޮ” އަންހެން އަދި ފިރިހެން އޮފިސަރަށްވެސް ހަނދާނީ ފިލާ ހަވާލުކޮށްފައިވެއެވެ.