ޚަބަރު

ދެ ކުދިން މަރުވީ ވިހެއުމުގެ ކުރިން - އައިޖީއެމްއެޗް


ރޭ އައިޖީއެމް ހޮސްޕިޓަލްގައި މަރުވި ދެ ކުދިން މަރުވެފައިވަނީ ވިހެއުމުގެ ކުރިންކަމަށް ބެލެވޭކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ތުއްތު ދެ ކުދިން ނިޔާވީ އައިޖީއެމްއެޗުގެ އިޙުމާލުންކަމަށްބުނެ އެ އާއިލާތަކުންނާއި، އަދި އާއްމުންގެ ގިނަ ބަޔަކުދަނީ ހޮސްޕިޓަލާމެދު ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުގައި ރޭ ވިހެއި 2 ކުއްޖަކު މަރުވެފައިވާކަމަށެވެ. އަދި މި ދެކުދިންވެސް މަރުވެފައިވަނީ ވިހެއުމުގެ ކުރިން، މައިމީހާގެ ބަނޑުތެރެއަށްކަމަށް ލަފާކުރެވޭކަމަށްވަނީ ބުނެފައެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ މިފަދަ ޕެރިނޭޓަލް ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވާކުދިންގެ ފުރިހަމަ ތަޙްޤީގެއް އެ ހޮސްޕިޓަލުން އަބަދުވެސް ކުރަމުންދާކަމަށެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ މައްސަލަ ހޮސްޕިޓަލުންނާއި، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކޮމިޓީއިންވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ބަލަމުންދާކަމަށެވެ. މި މައްސަލަތައްވެސް މި އުސޫލުގެ ދަށުން ތަޙްޤީގު ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ވަނީ މި ހާދިސާއާ ގުޅުވައިގެން އައިޖީއެމްއެޗުގެ ލޭބަރރޫމްގެ މެޑިކަލް އިކުއިޕްމަންޓުތަކެއްގައި މައްސަލަޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގު ކޮށްފައެވެ.