ޚަބަރު

ދެ ފަނޑިޔާރުންގެ މައްސަލަ މާދަމާގެ އެޖެންޑާގައި


އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ ފަޑިޔާރުކަމުގެ މަޤާމުން ވަކިކުރުގެ މައްސަލަ މަދާމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ މަޤާމުން ވަކިކުރުމާއި މެދު ޖޭއެސްސީން ނިންމާފައިވާ ނިންމުންތަކަށް ތާއީދުކޮށް ދެބޭފުޅުންވެސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެ ކޮމެޓީން ބަލާފައިވަނީ މި ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހުތޯއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ ދީދީ ފަޑިޔާރުކަމުގެ މަޤާމުން ދެމަސް ދުވަހަށް ސަސްޕެންޑްކުރުމަށްފަހު، މަޤާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނާނެކަމަށް އުއްތަމަ ފަނޑިޔާރުވަނީ ވިދާޅުވެފައެވެ. އުއްތަމަ ފަނޑިޔާތު ނެރުއްވި ބަޔާނެއްގައިވަނީ ފަނޑިޔާރަކު ނިންމި ނިންމުމާއި ގުޅިގެން އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމުގެ ބާރު ޖޭއެސްސީއަށް ލިބިގެން ނުވާކަމަށެވެ. އަދި ޖޭއެސްސީން އަމަލުކުރަމުން އަންނަނީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަންކަމަށްވެސް އުއްތަމަ ފަނޑިޔާރުވަނީ ތުހުމަތުކުރައްވާފައެވެ.

ސުޕްރީމްކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައެއް ހިމެނެއެވެ.