ޚަބަރު

އެކްސިޑެންޓުތައް ހިނގުމުގައި ދުއްވާ މީހުންގެ ނުފަރިތަކަން ބޮޑު ދައުރެއް އަދާކުރޭ - ފުލުހުން


ގިނަ އެކްސިޑެންޓުތައް ހިނގުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ވެހިކަލް ދުއްވާ ފަރާތްތަކުގެ ނުފަރިތަކަން ބޮޑު ދައުރެއް އަދާކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓްގެ ފަރާތުން ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެންމެ ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފެށުމުން ޓްރެފިކަށް އާންމުން ސަމާލުކަންދޭ މިންވަރު އިތުރުވެފައިވާކަމަށެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ބްރިޖް ސަރަޙައްދުގައި ޓްރެފިކް ފުލުހުން މި ގަން ބޭނުންކުރަންފެށުމުން، ގިނަ އަދަދެއްގެ އާންމުން މިކަމަށް ސަމާލުވެ ދުއްވުމުގެ ސްޕީޑަށް ސަމާލުވާކަން ނައީމް ފާހަގަކުރެއްވިއެވެ.

ބުރިޖުން މާލެ ފައިބާއިރު، އޮންނަ ސްޕީޑް ބްރޭކަރ ނުވަތަ ބަންޕަރު ނަގާ އާންމުންނަށް ފަސޭހަވާގޮތަށް ބްރިޖްގެ ޓްރެފިކް ފްލޯ ބަދަލުކޮށްފައިވާއިރު އަދިވެސް މި ޤަވައިދުތަކާއި ޚިލާފަށް އުޅޭ ފަރާތްތައް ފާހަގަކުރެވޭކަން ނައީމް ފާހަގަކުރެއްވިއެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ދުއްވާ ލޭން ބަދަލުކުރުމާއި، ޔޫޓަރން އެޅުމުގެ ސަބަބުން ހިތާމަވެރި ޙާދިސާތައް ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ސްޕީޑް ގަން ބޭނުންކުރުމާއި ބަމްޕަރުތައް ނެގުމާއި މިފަދަ ކަންކަން މިއީ ދުއްވާ މީހުންގެ ރައްކާތެރިކަމަށް ކުރާ ކަންކަން. އެގޮތުން ސްޕީޑް ގަން ބޭނުންކުރަން ފެށުމުން ޓްރެފިކްއަށް އާންމުން ސަމާލުކަންދޭ މިންވަރު ބޮޑުވެފައިވާކަން ފާހަގަކުރެވޭ. މި ގަން ބޭނުންކުރަންފެށުމުން، ގިނަ އަދަދެއްގެ އާންމުން މިކަމަށް ސަމާލުވެ ދުއްވުމުގެ ސްޕީޑަށް ސަމާލުވޭ." ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވިއެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ވިދާޅުވީ، މާލޭގައި ހިނގާ ގިނަ އެކްސިޑެންޓްތައް ހިނގުމުގައި ދުއްވާ ފަރާތްތަކުގެ ނުފަރިތަކަން ބޮޑު ދައުރެއް އަދާކުރާކަމަށެވެ. އެގޮތުން ޓްރެފިކު ބާރުބޮޑުވާ ވަގުތުތަކުގައި ވެހިކަލް ދުއްވުމުގައި ސަމާލުވާންޖެހޭ މިންވަރަށް ސަމާލުކަން ނުދެވުމާއި، ފަރިތަ ނުވުމުގެ ސަބަބުން މަގުމަތިންދާ އެހެން ވެހިކަލްތަކަށް ދަތިވާކަންވެސް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ފާހަގަކުރެއްވިއެވެ.

"ހެލްމެޓް އެޅުމުގައިވެސް ވަރަށް ބޮޑެތި އިހުމާލުތަކެއް އާންމުވޭ. މިކަމުގެ ސަބަބުން އެތަށް ގިނަ ޙާދިސާތަކެއް ކުރިމަތިވޭ. ގިނަ އެކްސިޑެންޓްތަށް ހިނގުމުގައި ދުއްވާ މީހާ އުޅަނދު ދުއްވުމުގެ ނު ފަރިތަވުން ބޮޑު ދައުރެއް އަދާކުރޭ. މިފަދަ ފަރާތްތަށް ދުއްވުން ފަރިތަކުރުމަށް ފަހުގައި މެނުވީ، ކާރޫ ބާރޫ ބޮޑު މަގުތަކަށް ނުނިކުތުން ވަރަށް މުހިންމު." ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނައީމް ވިދާޅުވިއެވެ.

ޓްރެފިކް މޮނިޓަރ ކުރުމަށް ފުލުހުން ޒަމާނީ ސްޕީޑް ގަން ބޭނުންކުރަން ފަށާފައިވަނީ މިއަހަރުގެ މެދުތެރޭގައެވެ. މި ގަން އަކީ 320 ކިލޯމީޓަރު ބާރުމިނާ ހަމައަށް ދުއްވާ އުޅަނދުތަކުގެ ފޮޓޯ އާއި ވީޑިއޯ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ރިކޯޑުކޮށް ރައްކާކުރެވޭ ގަންއެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. ޓްރެފިކް މޮނީޓަރ ކުރުމަށް ފުލުހުން ކުރިއަށްގެންދާ އެކި އޮޕަރޭޝަންތަކުގައި ފުލުހުން އަންނަނީ މި ގަން ބޭނުންކުރަމުންނެވެ. އެންމެ ފުރަތަމަ ސްޕީޑުގަން ރާއްޖޭގައި ޓްރެފިކް މޮނީޓަރކުރުމަށް ބޭނުންކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުގައެވެ.