ދީން

ިދިވެހި އިމާމުންނަށް މޮރޮކޯގެ މަޢުހަދުތަކުން ތަމްރީނުވުމުގެ ފުރުޞަތު ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފި


ދިވެހި އިމާމުންނަށް މޮރޮކޯގެ މަޢުހަދުތަކުން ތަމްރީން ފުރުޞަތުތައް ފަހިކޮށްދިނުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މޮރޮކޯއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮރޮކޯގެ މިނިސްޓަރ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް، އަޙްމަދު ތައުފީޤާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މޮރޮކޯގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި މޮރޮކޯއާ ގުޅުންހުރި ދީނީ ތަރިކައަށާއި ތާރީޚަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން، ރާއްޖެއަށް އިސްލާމް ދީން ތަޢާރަފްވިގޮތުގައި ހަވާލާދެވޭ މޮރޮކޯގެ އަބުލް ބަރަކާތް ޔޫސުފުލް ބަރްބަރީގެ ނަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނުގެ އަސާސްތައް އިޢާދަކުރުމަށް އެކުއެކީ މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މަޢުހަދުތަކުން ތަމްރީން ފުރުޞަތުތައް ހޯދުމާއި ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި އިސްލާމީ ފުރިހަމަ އަޤީދާގެ މަތިވެރިކަމާއި މޫރިތިކަން ދެމެހެއްޓުމަށް މޮރޮކޯ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތަރުޙީބުދެއްވިއެވެ.

މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙުމަދު ޚަލީލާއި، ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ޙުސެއިން ނިޔާޒާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ މުޢުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.