ޚަބަރު

އިނގިރޭސިވިލާތުގެ ފަރާތުން ވިލާތުގެ އިއްތިޙާދަށް ބޭފުޅަކު ހަމަޖެއްސުމަށް އެ ޤައުމުން ދެކޮޅުހަދައިފި


އިނގިރޭސިވިލާތުގެ ފަރާތުން ވިލާތުގެ އިއްތިޙާދުގެ އެގްޒެކެޓިވްއަށް އައު ކޮމިޝަނަރެއް ހޮވުމަށް އެ ޤައުމުން ދެކޮޅު ހަދާފައިވާކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ. މިކަމާ މެދު ވިލާތުގެ އިއްތިޙާދުން ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

ވިލާތުގެ އިއްތިޙާދުން ބޭނުންވަނީ އަންނަ މަހުގެ 1ވަނަ ދުވަހުގެ ކުރިން އެ އިއްތިޙާދުގެ އެގްޒެކެޓިވް ކޮމިޝަންގެ ބޭފުޅުން މަޤާމުގެ ހުވާކުރުމަށެވެ. އެހެން ނަމަވެސް ވިލާތުގެ އިއްތިޙާދުގެ ޤަވާއިދުތައް ބުނާގޮތުން އޭގެކުރިން އެ އިއްތިޙާދުގެ ކޮންމެ މެމްބަރު ޤައުމަކުން ކޮމިޝަނަށް ބޭފުޅަކު އައްޔަނުކުރަންޖެހެއެވެ. އިނގިރޭސިވިލާތުން ބުނެފައިވަނީ މި ކޮމިޝަނަށް ބޭފުޅަކު އައްޔަނުކުރުމަށް އެ ޤައުމުން ދެކޮޅުހަދާފައިވަނީ އަންނަ މަހު އެ ޤައުމުގައި އޮންނަ އިންތިޚާބަށް ސަރުކާރުން ތައްޔާރުވަމުންދާތީކަމަށެވެ.

އިނގިރޭސިވިލާތުން ކޮމިޝަނަރެއް އައްޔަނުކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން ވިލާތުގެ އިއްތިޙާދަށް ކުރިމަތިވެފައިވާ ހުރަސްތައް ދުރަށްޖެހިގެންދާނީ މި ޤަވާއިދުތައް ތަންފީޒުނުކުރުމަށް ވިލާތުގެ އިއްތިޙާދުގެ އަނެއް 27 ޤައުމުން ނިންމުމުންނެވެ. އެހެން ނަމަވެސް، މިފަދަ ޙާލަތުގައިވެސް ޤާނޫނީ ހުރަސްތައް ކުރިމަތިވެގެންދާނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ވިލާތުގެ އިއްތިޙާދުގެ އިސްވެރިޔާގެ ތަރުޖަމާނު ޑީނާ ސްޕިއަންޓް ވިދާޅުވީ މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމަށް ކަނޑައަޅާފައިވާ އައު މުހުލަތަކީ އަންނަ ޖެނުއަރީ މަހުގެ 31ވަނަ ދުވަހެވެ.