ޚަބަރު

ރަޝިޔާއިން ސޫރިޔާގެ އުތުރުގައި އަސްކަރީ މަރުކަޒެއް ޤާއިމުކުރަން ނިންމައިފި


ސޫރިޔާގެ އުތުރުގައި ރަޝިޔާގެ ހެލިކޮޕްޓަރު ޖެއްސުމަށް ޚާއްސަ އަސްކަރީ މަރުކަޒެއް ހެދުމަށް ނިންމައިފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހިންގާ ވެޒްޑާ ޓީވީން ވަނީ ރަޝިޔާއިން އެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަރުކަޒު ފެންނަ މަންޒަރުތައް ދައްކާލާފައެވެ. އެ ޓީވީން ބުނެފައިވަނީ މި އަސްކަރީ މަރުކަޒު ޙިމާޔަތްކުރުމަށް މިސައިލުން ދިފާޢުވާ ނިޒާމަކާ ތިން އަސްކަރީ ހެލިކޮޕްޓަރު ޙަރަކާތްތެރިވަމުންދާކަމަށާ އެ މަރުކަޒަށް އިތުރު އަސްކަރީ އުޅަނދުތައް ފޮނުވާނެކަމަށެވެ.

މީގެ އިތުރުން ވެޒްޑާ ޓީވީން ވަނީ އެ މަރުކަޒުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރަޝިޔާގެ އަސްކަރީ ފުލުހުން ޙަރަކާތްތެރިވަމުންދާ މަންޒަރުވެސް ދައްކާފައެވެ. ރަޝިޔާއިން މިގެ ކުރިން ވަނީ ތުރުކީވިލާތާ ސޫރިޔާ ގުޅޭ ސަރަޙައްދީ ރޮނގުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެ ޤައުމުގެ އަސްކަރީ ހެލިކޮޕްޓަރުތައް ބޭނުންކޮށްފައެވެ. ވެޒްޑާ ޓީވީން ބުނެފައިވަނީ މި އަސްކަރީ މަރުކަޒާއެކު މިފަދަ އަސްކަރީ ޙަރަކާތްތައް ބޭނުންކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ރަޝިޔާއިން ސޫރިޔާގެ އުތުރުގައި އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައި މިވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އެއްހާސް ސިފައިން އެ ސަރަޙައްދުން ބާލާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.