ސިޔާސީ

މަޤާމުގެ ދިފާއުގައި ނައިބުރައީސް ބަޔާނެއް ނެރުއްވައިފި


ސިޔާސީ ގޮތުން ޤައުމު
ހަލަބޮލިވެގެން ދިޔަ ދަނޑިވަޅު ތަކުގައި ސަރުކާރުގެ ދިފާޢުގަ އެއްވެސް އެއްޗެއް
ވިދާޅުނުވެ ހުންނެވުމަށްފަހު، އަމިއްލަފުޅު މަޤާމުގެ ދިފާޢުގައި ނައިބުރައީސް ޑރ.
މުޙައްމަދު ޖަމީލް އަޙުމަދު ބަޔާނެއް ނެރުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ
ނައިބުގެ ރަސްމީ ގެއިން ނެފެފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާގެ
ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރައްވާފައިވަނީ އެމަނިކުފާނުގެ
މައްޗަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ދުސްތޫރީ އެއްވެސް
ހުއްޖަތެއް ނެތި ހުށައަޅާފައިވާ މައްސަލައެއްކަމަށެވެ. އަދި
ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ
ފަރާތެއް ކަމުން، ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތި ނައިބުރައީސް އެއްފަރާތް
ކޮށްލުމަކީ ރައްޔިތުން އަތުގައި އޮތް ބާރެއް ނުހައްޤުން އަތުލައިގަތުން ކަމަށް
މިބަޔާނުގައި ތުހުމަތު ކުރައްވާފައިވެއެވެ.މީގެ
އިތުރުން ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ހެޔޮނިޔަތެއްގައި ގެނައި އިސްލާހެއް
ނޫންކަމަށާއި، އެއީ ވަކިމީހަކަށް އަމާޒުކޮށްގެން ގެނެސްފައިވާ އިސްލާހެއްކަމަށް
ވެސް ނައިބުރައީސް ތުހުމަތު ކުރައްވާފައިވެއެވެ.ނައިބުރައީސް
ޑރ ޖަމީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީ.ޕީ.އެމް/އެމް.ޑީ.އޭ ޖޮއިންޓް
ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް ހުށައަޅާފައިވަނީ ނައިބުރައީސް ޑރ. ޖަމީލުގެ
ފަރާތްޕުޅުން ސަރުކާރަށާއި، ރައީސް ޔާމީނަށް ލިބެންވާ އެއްބާރުލުން ނުލިބޭކަމަށް
ބުނެއެވެ. އަދި ސަރުކާރުން ނައިބު ރައީސާ ހަވާލުކުރެއްވި ޒިންމާތަށް
އަދާކުރުމުގައި އެމަނިކުފާނު ނުކުޅެދިފައިވާކަން އެމެންބަރުން ފާހަގަކުރެއެވެ. މީގެ
އިތުރުން ސަރުކާރު ދިފާއުކުރުމަށް ނައިބު ރައީސްގެ ހައިސިއްޔަތުން ނުކުމެވަޑައިގަތުމަށް
ޑރ. ޖަމީލް ފަސްޖެހި ވަޑައިގެންފައިވާކަމަށްވެސް އެމެންބަރުން ބުނެއެވެ.އެގޮތުން
މެއި މަހުގެ 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި
ސަރުކާރުގެ ދިފާޢުގައި ވާހަކަދައްކަވައި ދެއްވުމަށް އެދުމުން އެކަމަށް
އުޒުރުވެރިވާކަމަށް ބުނެފައިވާކަން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ވަނީ
ފާހަގަކުރައްވާފައެވެ.

 ސަރުކާރުގެ
ދެވަނައަށް އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ސަރުކާރަށް ދިމާވާ ކަންކަމުގައި
ސަރުކާރު ދިފާޢު ކުރުމަކީ ނައިބުރައީސްގެ ޒިންމާއެކެވެ. ނަމަވެސް އެފަދަ
ހާލަތްތަކުގައި ނައިބު ރައީސް ޑރ. ޖަމީލްގެ ދައުރު ސަރުކާރުގެ ފަރާތުން ވޭތުވެދިޔަ
ދުވަސްތަކުގައި ކުޑަކަން ފާހަގަކޮށްލެވެއެވެ. އޭގެ އިތުރުން އިޖުތިމާޢީ
ކައުންސިލްގެ މަސައްކަތް ނައިބު ރައީސާ ހަވާލު ކުރެއްވުމުންވެސް އެމަނިކުފާނުގެ
ފަރާތްޕުޅުން އެދެވޭ މަސައްކަތްތަކެއް ކޮށްދެއްވާފައި ނުވާކަމަށް ޕީޕީއެމްގެ
ޕާލިމެންޓްރީ ގްރޫޕުން ދެކެއެވެ.



 ނައިބުރައީސްގެ
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ސަރުކާރަށް ތާއީދު ކުރާ
މެންބަރުންގެ އިތުރުން އިދިކޮޅު އެމް.ޑީ.ޕީ އަދި ޖުމްހޫރީ ޕާޓީގެ ބައެއް
މެންބަރުންގެ ތާއީދާއެކުގައެވެ.



 އިތުބާރު
ނެތްކަމުގެ ޤަރާރު މަޖިލީހަށް ހުށައަޅާފައިވަނީ ޖުމްލަ 61 މެންބަރުންގެ ސޮޔާއެކުގައެވެ.
އަދި އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުން އެއަށްވުރެ ގިނަ މެންބަރުންގެ
އަޣުލަބިއްޔަތުން އެކަން ފާސްވާނެކަމަށް ހުށައެޅުއްވި މެންބަރުން ވިދާޅުވިއެވެ.



 ޤާނޫނުއަސާސީ
ބުނާގޮތުން ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މުޅިމަޖިލީހުގެ
ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ބޭނުންވާނެއެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ.