ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުން ހުޅުވާފާއިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 250 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ، ޔޫ.އެން.ޑީ.ޕީއިން އިންތިޒާމްކޮށްގެން ބާއްވާ "ނެޝަނަލް ޑައިލޮގް"ގެ 3ވަނަ ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތު ހޯދައިދިނުމަކީ މިސަރުކާރު، ވެރިކަމާ ޙަވާލުވީފަހުން ވަރަށް މުހިންމު އިސްކަމެއްދީގެން ކުރެއްވި މަސައްކަތެއްކަމަށެވެ. މިމަސައްކަތުގެ ދަށުން މިހާރު އެސްއެމްއީ ބޭންކެއް ހުޅުވައި މިބޭންކުގެ ދަށުން ޚިދުމަތް ދެމުންގެންދާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މިބޭންކަށް ވިޔަފާރިވެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި މިހާތަނަށް ވެސް 1.5 ބިލިއަން ރުފިޔާގެ އެޕްލިކޭޝަންތައް ބޭންކަށް ހުށަހަޅާފައިވާކަމަށެވެ. މި އެޕްލިކޭޝަންތަކުގެ ތެރެއިން މިހާތަނަށް 250 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
"އެސްއެމްއީ ބޭންކް ހުޅުވިގެން ދިއުމާއެކު އަޅުގަނޑުމެންނަށް ހީވެސް ނުކުރާހާ ބޮޑު ތަރުޙީބެއް ލިބުނު. އޭގެ ތެރެއިން މިހާ ހިސާބަށް އަޅުގަނޑުމެންނަށް އެޕްލިކޭޝަންސްތައް ލިބިފައިހުރި 1.5 ބިލިއަން ރުފިޔާގެ. ކޮންމެ މަހެއްގައި ކަހަލަގޮތަކަށް 100 މިލިއަން ރުފިޔާގެ އެޕްލިކޭޝަންސްތައް އެބަލިބޭ. އަޅުގަނޑުމެންނަށް އޭގެ ތެރެއިން މިދެވެނީ ވަރަށް މަދު ޢަދަދެއް. އެހެންނަމަވެސް މިހާ ހިސާބަށް 250 މިލިއަނާއި ގާތްކުރާ ޢަދަދަކަށް އަޅުގަނޑުމެންނަށް ލޯނު އެވޯޑުކުރެވިއްޖެ." މިނިސްޓަރ ފައްޔާޟް ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޟް ވިދާޅުވީ ކުރިއަށްއޮތް ތަނުގައި ބޭންކުގެ މަސައްކަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. އެސްއެމްއީ ބެންކުގެ ޚިދުމަތްދޭން ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެސްއެމްއީ ބޭންކު ހިންގުމަށްޓަކައި އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން އެސްޑީއެފްސީން މައިގަނޑު 4 ދާއިރާއަކުން ލޯނު ދޫކުރެއެވެ.
އެދާއިރާތަކަކީ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދޫކުރާ "ރަށު ފަތުރު ލޯން ސްކީމް" އާއި ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ "ވިޔަފާރި އެހީ ލޯން ސްކީމް"އެވެ.
އަދި ވިޔަފާރިތަށް ފުޅާކުރުމަށް ބޭނުންވާ މުދާ ގަތުމަށް ދޫކުރާ "ހަރު މުދާ ލޯން ސްކީމް" އާއި ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ދޫކުރާ ލޯން ސްކީމެވެ.