ޚަބަރު

ޢިރާޤުގެ މުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން 4 މީހުން މަރުވެއްޖެ


ޢިރާޤުގައި ކުރަމުންގެންދާ މުޒާހަރާތަކާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން 4 މީހުން މަރުވެ 52 މީހުން ޒަޚަމްވެއްޖެއެވެ.

ޢިރާޤުގެ ފުލުހުން ބުނާގޮތުން ބާރުގެ ބޭނުންކުރަންޖެހުނީ މުޒާހަރާކުރާ މީހުން ބަންދުކޮށްފައިވާ މަގުތައް ހުޅުވައި އެމީހުން ތަހްރީރު މައިދާނަށް ފަހަތަށް ޖައްސަން ފުލުހުން ކުރި މަސައްކަތްތަކަށް މުޒާހަރާކުރާ މީހުން ހުރަސްއަޅައި ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާ ކުރިމަތިލާން ފެށުމުންނެވެ. މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ގޮތުން ފުލުހުން ބޭނުންކުރި ވަޞީލަތްތަކުގެ ތެރޭގައި ކަރުނަގޭހާއި ލަޓިބުރިއާއި އަދި ޕްރެޝަރުފެނުގެ އިތުރުން ބަޑިވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

ބާރުގެ ބޭނުންކުރުމުގެ ސަބަބުން މަރުވި ހަތަރު މީހުންގެ ތެރެއިން ތިން މީހުން މަރުވީ ކަރުނަ ގޭހުގެ އަސަރު މާބޮޑަށް ކުރުމުގެ ސަބަބުން ހާސްވެގެންކަމަށް ޢިރާޤުގެ ސިއްޙަތާބެހޭ މަސްޢޫލުވެރިން ވިދާޅުވެއެވެ. ޢިރާޤުގައި ސަރުކާރާ ދެކޮޅަށް ކުރަމުންގެންދާ މުޒާހަރާތަކުގައި މިހާތަނަށް ދުއިސައްތައަށްވުރެ ގިނަ މީހުން މަރުވެފައިވީނަމަވެސް މުޒާހަރާތަކަށް ހީނަރުކަމެއް އައިސްފައެއްނުވެއެވެ.

މުޒާހަރާކުރާ މީހުން އެމީހުންގެ މައި މަރުކަޒެއްގެ ގޮތުގައި މިހާރު ބޭނުންކުރަނީ ބަޣްދާދުގެ މެދުތެރޭގައިވާ ތަހްރީރު މައިދާންކަމަށް ފުލުހުން ބުނެއެވެ.