ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗްއިން ބޭއްވި ޙަރަކާތްތަކުގައި ތިންސަތޭކައަށްވުރެ ގިނަ މީހުން އާއްމު ސިއްޙަތަށް ސްކްރީންކޮށްފިއެވެ.
އައިޖީއެމްއެޗްއިން ވަނީ ޢާއްމު ބަލިތަކަށް ސްކްރީން ކުރުމުގެ އިތުރުން، ހަކުރު ބައްޔާގުޅޭ މަޢުލޫމާތު ދިނުމާއި އަދި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ މަޢުލޫމާތު ދީފައެވެ. މިޙަރަކާތްވަނީ ދަރުމަވަންތަ ހޮސްޕިޓައާއި މާލޭގެ ނޯތު ހާބަރާއި ހުޅުލެ ޑިޕަރޗަރ ޓަރމިނަލްގައިވެސް ކުރިއަށް ގެންގޮސްފައެވެ.
ހަކުރުބަލީގެ ދުވަހާގުޅިގެން އައިޖީއެމްއެޗްއިން ކުރިއަށްގެންދިޔަ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރ ޑރ.އަޙްމަދު ޝަހީދު ވިދާޅުވީ ކުރިން ސްކްރީނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދަނީ އޮފީސްތަކަށް ޚާއްސަކޮށްގެންކަަމަށެވެ. ނަމަވެސް މިފަހަރު ބަނދަރު ސަރަޙައްދުގައި ކުރިއަށްގެންދިއުމަށް ނިންމީ ދޯނިފަހަރާއި މާރުކޭޓުފަދަ ސަރަޙައްދުތަކުގައި އުޅޭ ފަރާތްތަކަށް ފަސޭހައިން ސްކްރީން ކުރުމުގެ ފުރުސަތު ދިނުމަށްކަމަށެވެ.
"އައިޖީއެމްއެޗްގައި ކުރިއަށްގެންދިޔަ ސްކްރީނިންގ ޕްރޮގްރާމްގައި 212 މީހުން ޓެސްޓްކޮށް މަޢުލޫމާތު ހޯދި. އަދި ނޯތް ހާބަރުގައި 148މީހުން ބައިވެރިވެ ސްކްރީންކުރި." ޑރ.އަޙްމަދު ޝާހިދު ވިދާޅުވިއެވެ.
ޑރ.އަޙްމަދު ޝާހިދު ވިދާޅުވީ މިސްކްރީނިންގ ޕްރޮގްރާމްތަކުންވެސް ހަކުރުބަލި ހުންނަ މީހުން ދެނެގަނެވިފައިވާކަމަށެވެ.
"ޕްރެޝަރ ނޫނީ ހަކުރުވެސް ހުންނަންވީ މިންވަރަށްވުރެ މަތިކޮށް ހުންނަ މީހުން އެބަފެނޭ ސްކްރީނިންގ ޕްރޮގް ތެރެއިން. އެމީހުން އައިޖީއެމްއެޗްއަށް މި ރިފަރ ކުރަނީ، ނޫނީ ޑޮކްޓަރަށް ދައްކަން ލަފާދެނީ." ޑރ.އަޙްމަދު ޝާހިދު ވިދާޅުވިއެވެ.
ޑރ.އަޙްމަދު ޝާހިދު ވިދާޅުވީ ހަކުރު ބައްޔަކީ ހިތުގެ ބަލިތަކާއި، ކިޑްނީ ބައްޔާއި، ވާގިނެތޭ ބަލި އަދި ސްޓްރޯކްފަދަ ބަލިތަކަށް ހުށައެޅޭކަމަށެވެ. އެހެންކަމުން މިބަލިން ރައްކާތެރުވުމަށް ދުޅަހެޔޮ ދިރިއުޅުމެއް ޚިޔާރުކުރުން މުހިންމެވެ. ދިވެހި ރާއްޖޭގެ އާބާދީއަށް ބަލާއިރު އާބާދީގެ %8 މީހުންނަކީ ހަކުރު ބަލި ތަޙައްމަލް ކުރަމުންދާ މީހުންނެވެ.