ޚަބަރު

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ ދަރިވަރުންނަށް ދޫކުރާގޮތަށް ހަމަޖައްސައިފި


ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ފީ ކޮލެޖްތަކަށާއި ޔުނިވަރސިޓީތަކަށް ދިނުމުގެ ބަދަލުގައި ދަރިވަރުންނަށް އެ ފައިސާ ދޫކުރާގޮތަށް ހަމަޖައްސައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކޯސް ފީ ދަރިވަރަށް ދޭން ނިންމާފައިވަނީ ވީހާ ވެސް ފަސޭހައިން އެކަމުގެ އިންތިޒާމް ހަމަޖެއްސުމަށެވެ. މީގެ ކުރިން މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ފީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެ ދަރިވަރަކު ކިޔަވާ ކޮލެޖަކަށް ނުވަތަ ޔުނިވަރސިޓީއަށް ދޫކުރާ ގޮތަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާޙިމް ޙަސަން ވިދާޅުވީ އެ އުސޫލަށް ބަދަލުގެނެސްފައިވަނީ މިހާރު ޢަމަލުކުރަމުންދާ ގޮތުން ކޮލެޖުތަކާއި ޔުނިވަރސިޓީތަކުން ލިބެންޖެހޭ އިންވޮއިސްތައް ލިބުން ލަސްވެ، ދަތިތައް ކުރިމަތިވުމުންކަމަށެވެ. އެހެންކަމުން ދަރިވަރުންގެ އަތަށް ފައިސާ ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެހުމަކީ ދަރިވަރުންނަށްވެސް ފަސޭހަވެގެންދާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ އިންތިޒާމެއް ހަމަޖެހިގެންދާއިރު ކޮންމެ ސެމިސްޓަރއެއް ފެށޭއިރު، އެ ސެމިސްޓަރއަކަށް ދަރިވަރުން ދައްކަންޖެހޭ ފީ އެ ދަރިވަރުންގެ އަތަށް މިނިސްޓްރީން ދޫކުރެވޭނެ ކަމަށެވެ.

އަލަށް އެކުލަވާލި އުޞޫލުގައިވާ ގޮތުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުން ދަރިވަރުގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށްދޭނެއެވެ. އަދި ލޯނު ނަގައިގެން ކިޔަވަމުން އަންނަ ދަރިވަރުންގެ ކޯސް ފީ ވެސް ދެނީ އެ ދަރިވަރުންގެ އަތަށެވެ.

މި ބަދަލާއެކު މިއަހަރު ފަށާފައިވާ ސެމިސްޓާއެއްގެ ފީ ދަރިވަރު އަމިއްލައަށް ދައްކާފައިވާނަމަ ސަރުކާރުން ރިފަންޑް ދޭނެކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. ނަމަވެސް ރިފަންޑު ދޭނީ އަންނަ މަހުގެ 15 ގެ ކުރިން އެކަމަށް އެދި މިނިސްޓްރީ އަށް ހުށަހެޅުމުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ކޯސް ފީގެ ފައިސާ ހޯދަން ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަ ނަމަ 20 ދުވަހުގެ ތެރޭގައި އިގުރާރުގައި ސޮއިކޮށް ފައިސާ ޖަމާކޮށްދޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. ސަރުކާރުން ކޯސް ފީ އަހަރަކު ދެ ފަހަރު ދައްކައިދޭއިރު ފުރަތަމަ އިންސްޓޯލްމަންޓަށް ފަހު ދެ ވަނަ އިންސްޓޯލްމަންޓަށް ފައިސާ ދޫކުރާނީ، އެ ދަރިވަރަކު ކިޔަވާކަން އެ ޔުނިވާސިޓީ ނުވަތަ ކޮލެޖަކުން ކަށަވަރުކޮށްދިނުމުންނެވެ. އެއަށްފަހު ދެ ވަނަ އިންސްޓޯލްމަންޓަށް ފައިސާ ދޫކުރާނީ ކަނޑައަޅާފައިވާ ތާރީހްގެ ދެ މަސް ކައިރިވުމުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ތިން ވަނަ އަދި އޭގެ ފަހުގެ އިންސްޓޯލްމަންޓުތައް ވެސް ދޫކުރާނީ ހަމަ މި އުސޫލުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ފެށި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 5000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނައިރު އެކަމަށް 24 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.