ޚަބަރު

އަންގާރަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް 7 ދުވަސް


އަންގާރަ ދުވަހުގެރޭ ހުޅުމާލޭ ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރުގެ ބަންދަށް 7 ދުވަސް ދީފިއެވެ.

އަންގާރަ ދުވަހުގެ ރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ މަރުވެފައެވެ. ސައިކަލަކާއި އެމްޓީސީސީގެ ބަހަކާއި ޖެހި މި އެކްސިޑެންޓްގައި މަރުވެފައިވަނީ، އެކްސިޑެންޓުވި ސައިކަލުގެ ފަހަތު ސީޓުގައި އިން ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގެވެ.

އެތަށް ބަޔަކަށް ސިހުން ގެނުވި މި އެކްސިޑެންޓްގައި އެމްޓީސީސީގެ ބަސް ދުއްވަން އިން ޑްރައިވަރު އެކްސިޑެންޓު ހިނގިތާ މާ ގިނައިރުތަކެއް ނުވަނީ ފުލުހުން ވަނީ ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 54ގެ ދިވެހި ޑްރައިވަރެއްކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ވުމުން، ސައިކަލްގައި ޖެހުނު ބަސް މަޑުނުކޮށް ގޮސްފައިވާކަމަށެވެ. އަދި އެ ބަސް ހުއްޓުވާފައިވަނީ ހައިވޭގައި ޔޫ ޓަރން ނަގާ ސަރަހައްދުން ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއީ، މި އެމްޓީސީސީގެ ބަހެއް މިއަހަރުގެ ތެރޭގައި އެކްސިޑެންޓްވި ތިންވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ހިނގި އެކްސިޑެންޓެއްގައި އެމްޓީސީސީ ބަހެއް ދުއްވަން އިން ޑްރައިވަރަކަށް ނިދިޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައިވެސް މީހަކު ވަނީ މަރުވެފައެވެ.