ޚަބަރު

ރަށްރަށުގެ ތަރައްޤީ ކަށަވަރުކުރެވޭނެ ފުރަތަމަ ބަޖެޓަކީ 2020 ބަޖެޓް - ނިޔާޒް


ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ތަރައްޤީ ކަށަވަރުކުރެވޭނެ ފުރަތަމަ ބަޖެޓަކީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ޚާއްސަ ކަންތައްތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ މިބަޖެޓަކީ ރަށްރަށުގެ ތަރައްޤީ ކަށަވަރުކުރުވާ ފުރަތަމަ ބަޖެޓްކަމަށެވެ. މިބަޖެޓް ވެގެންދާނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމެއް އެކުލަވާލެވި ލާމަރުކަޒީ އުސޫލުން ސަރަހައްދީ ތަރައްޤީ ގެނުވާނެ ބަޖެޓެއްކަމަށެވެ.

ލާމަރުކަޒީ ޤާނޫނާއެކު ރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތްތަކުން ރަށްރަށުގެ ތަރައްޤީއަށް ވަރަށްބޮޑަށް އިހުމާލުވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. އަދި މިސަރުކާރުން ވެރިކަމަށް ވަޑައިގެންނެވުމަށް ވެފައިވާ އެންމެ މުހިންމު ވައުދަކީވެސް ރަށްރަށަށް ތަރައްޤީ ގެނެސް މަރުކަޒީ އުސޫލުން މާލެ ސަރަހައްދަށް އެކަނި ބަރޯސާވާންޖެހޭ ޖެހުން ނައްތާލުންކަމަށް ނިޔާޒް ވިދާޅުވިއެވެ. މިކަން ކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 1.6 ބިލިޔަން ރުފިޔާ ބަޖެޓް ގްރާންޓްގެ ގޮތުގައި ކަނޑައަޅާފައިވާކަންވެސް ނިޔާޒް ފާހަގަކުރެއްވިއެވެ.

ރަށްރަށުގެ ތަރައްޤީއާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ތަރައްޤީ ކަށަވަރުވާނޭ އުސޫލަކުން ކަނޑައަޅާފައިވާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ޚަރަދު ކުރުމަށް 29.9 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ބަޖެޓްގައިވެސް އަދި ސަރުކާރުން އެކުލަވާލާފައިވާ އެކްޝަން ޕްލައިންގައިވެސް 5 ދާއިރާއަކަށް ބަހާލައިގެން 33 ދާއިރާއެއްގެ ޚާއްސަ ޕްރޮގްރާމުތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ކަނޑައަޅާފައިވާ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވުމާއިއެކު ބަޖެޓަށްވެސް ބޮޑު ބަދަލެއް އަންނާނެކަންވެސް ނިޔާޒް ވަނީ ފާހަގަކުރައްވާފައެވެ. ބަޖެޓްގެ 10 ބިލިއަން ރުފިޔާ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކަށް ޚާއްސަ ކޮށްފައިވާއިރު، 5 މިލިޔަނަށްވުރެ ދަށް ޕްރޮޖެކްޓްތައް ކައުންސިލްތަކުން ހިންގޭނެ ގޮތަށް ޤާނޫނަށް ބަދަލު އަންނާނެއެވެ. އަދި މިއާއެކީ ބަޖެޓްގައި ކަނޑައަޅާފައިވާ 900 ޕްރޮގުރާމުގެ ތެރެއިން 600 ޕްރޮގުރާމު ޚާއްސަވެގެންދާނީ ކައުންސިލްތަކަށެވެ.

ކައުންސިލްތަކަށް މިހާ ބޮޑު އަދަދެއްގެ ޕްރޮޖެކްޓްތައް ފޮރުޅިގެންދާއިރު، މިކަމަށް ކައުންސިލްތަކުން ޙާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ނިޔާޒް ވިދާޅުވިއެވެ. ރަށްވެހި ތަރައްޤީގައި ހިމެނޭ ހުރިހާ ކަމެއް ކައުންސިލްތަކުން ކުރުމުގެ ބާރު ޤާނޫނުން ކައުންސިލްތަކަށް ދޫކޮށްލުމުން މިކަންކަން ރައްޔިތުންނަށް ފަހިވާނޭ ގޮތަކަށް ކުރުމަކީ ޤާނޫނުގެ އެންމެ ބޮޑު ބޭނުންކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި ކައުންސިލްތަކުން ހަރަކާތްތެރިކަމާއެކު މަަސައްކަތް ކުރަންޖެހޭކަމަށްވެސް ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ބޮޑު ބަދަލުތަކެއް ގެންނައިރު ބަޖެޓްގައިވެސް ކައުންސިލްތައް ހިންގުމަށް ބޭނުންވާ ޚާއްސަ ބަޖެޓެއް ހިމަނާފައިވެއެވެ. ސަރުކާރުން ޤާނޫނަށް ހުށަހެޅި އިސްލާހުތަކަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން 58 އިސްލާހު ހުށަހަޅާފައިވާއިރު، ކޮމިޓީ މަރުހަލާއިން މި އިސްލާހުތައް ދިރާސާ ކުރުމަށްފަހު މިއަދު މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.