ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސް ކުޅުދުއްްފުށީގައި ފަށައިފި


ރާއްޖޭގައި ބާއްވާ ފުރަތަމަ ބީޗް ގޭމްސް ތިލަދުންމަތީ ކުޅުދުށްފުށީގައި ފަށައިފިއެވެ.

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާދުޝާހު ޑަބްލިއުސްއޭ ބީޗް ގޭމްސް ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ބާއްވާ ބީޗް ގޭމްސްގައި ވާދަކުރާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލް އަދި ނެޓްބޯލް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް މި ގޭމްސްގެ ތެރެއިން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިގޭމްސްގައި އަންހެން އެތްލީޓުން ހާއްސަކޮށްގެން ކުރިޔަށް ދާނީ ނެޓްބޯޅައާއި ހޭންޑްބޯލްއެވެ. ފިރިހެން އެތަލީޓުން ވާދަކުރާނީ ބީޗްޮލީއާއި ހޭންޑްބޯލްގެ އިތުރުން ބާސްކެޓްގައެވެ. މި ގޭމްސްގައި ހާއްސަ ބައެއްގެ ގޮތުގައި 14 އހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށްވެސް ކުޅިވަރުތަކެއް ވަނީ ހިމަނާފައެވެ. މި އުމުރުފުރާއަށް ހާއްސަކޮށްފައިވަނީ ހަމައެކަނި ބާސްކެޓް އެކަންޏެވެ. ޑަބްލިޔު ސްޕޯޓްސް އެކަޑަމީގެ ނައިބް ރައީސް މުހައްމަދު އާދަމް ވިދާޅުވީ މި ގޭމްސްގެ ތެރޭގައި އެއަރ ބެޑްމިންޓަން ތައާރަކުރުުގެ ގޮތުން އޮންނާނީ އެ ކުޅިވަރު ދައްކާލުމުގެެ ކުޅޭ މެޗެއްތަކެއްކަމަށެވެ. މުޅިރާއްޖެއަށް އަލަަށް އެއަރ ބެޑްމިންޓަން ތަޢާރަފްވެގެން އަންނައިރު، އެކަން ކުޅުދުއްފުށީގައި ކުރެވިގެންދިއުމަކީ ކުޅުދުއްފުޓަން ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށްވެސް ނައިބް ރައީސް މުހައްމަދު އާދަމް ވިދާޅުވި.

ބީޗް ވޮލީ ބޯލް ކުރިއަށްދާނީ ފިރިހެން ޑިވިޝަން އެކަނިއެވެ. މިބައިގައި ބައިވެރިވެފައިވަނީ 6 ޓީމެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގެ ފައިނަލްގައި ވާދަކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ބީޗް ހޭންޑް ބޯލް ކުރިޔަށްދާނީ އަންހެން، ފިރިހެން ވަކިންނެވެ. އަންހެން ޑިވިޝަންގައި 9 ޓީމު އަދި ފިރިހެން ޑިވިޝަންގައި 6 ޓިމު ބައިވެރިވާ މި ބައިވެސް ކުރިޔަށްދާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ތްރީ އޮން ތްރީ ބާސްކެޓްގައި ބައިވެރިވެފައިވަނީ 5 ޓީމްއެވެ. މިބައިވެސް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. މިބައިގެ 14 އަހަރުން ދަށުގެ ފިރިހެން 11 ޓީމާއި އަންހެން 4 ޓީމު ވާދަކުރާނެއެވެ. މި އުމުރުފުރައިގެ މެޗްތައްވެސް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ.

ބީޗް ނެޓްބޯލް ބައިގައި ވާދަކުރާނީ ހަމައެކަނި އަންހެން ޓީމުތަކެވެ. މި ބައިގައި 5 ޓީމު ވާދަކުރާއިރު މިބައިވެސް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. މިގޭމްސްގެ ހުރިހާ ފައިނަލް މެޗްތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހު ހަވީރު. ޑަބްލިޔު ސްޕޯޓްސް އެކަޑަމީގެ ނައިބް ރައީސް މުހައްމަދު އާދަމް ވިދާޅުވީ ރާއްޖޭގައި އަލަށް މިފަދަ ގޭމްސްއެއް ބާއްވާއިރު، މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަމަށާއި ނަމަވެސް މިފަދަކަންކަމަށް، އެހީތެރިވެދެއްވާ ފަރާތްތައް މަދުކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އުއްމީދު ކުރަނީ ވަރަށް ކާމިޔާބުކަމާއެކު މިގޭމްސް ނިންމާލުންކަމަށް އޭނާ ވިދާޅުވި. 

500އަށް ވުރެއް ގިނަ އެތްލީޓުން ބައިވެރިވާ މި ބީޗް ގޭމްސްގައި 107 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކުޅުދުއްފުށީގައި ކުރިޔަށް މި ގޭމްސްގެ މެޗްތައް ކުރިއަށްދާނީ ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ދަންފަޅީގެ މެޗްތައް ކުރިޔަށް ދާނީ ހެނދުނު 06:30 ފެށިގެން 09:00 އަށެވެ. އަދި މެންދުރުގެ ދަންފަޅި ކުރިޔަށްދާނީ ހަވީރު 03:30 ފެށިގެން އިރުއޮއްސި 06:00 އަށެވެ.