ޚަބަރު

ޕެންޝަން ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި


އަސާސީ ޕެންޝަން ލިބެންޖެހޭ އުމުރަކީ ފަސްދޮޅަސް އަހަރުކަމުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގެންފިއެވެ.ހުޅުހެންވޭރު ދާއިރާގެ މެމްބަރުން މޫސާމަނިކު ހުށައަޅުއްވާފައިވާ އެއިސްލާޙު މަޖިލީހަށް ބަލައިގަތީ ފަންސާސް ހަ މެމްބަރުންގެ އިއްތިފާގުންނެވެ.ޕެންޝަނާއިބެހޭ ޤާނޫނަށް މޫސާމަނިކު ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، ކޮންމެ މީހެއްގެ އުމުރުން ފަސްދޮޅަސް އަހަރު ހަމަވާ މަހުގެ އެއްވަނަ ދުވަހު އެމީހެއްގެ ޕެންޝަން ލިބޭ އުމުރު ހަމަވާނެ ކަމަށެވެ.ޕެންޝަން ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕެންޝަން ލިބޭ އުމުރަކީ 65 އަހަރުކަމަށެވެ. މިއިސްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމުގައި ބުނެފައިވަނީ ޕެންޝަން ލިބޭ އުމުރަކީ ފަސްދޮޅަސް އަހަރުކަމުގައި ކަނޑައެޅުމަށާއި، ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ބައިވެރިޔަކަށް ބޭނުންވެގެން އެދިއްޖެނަމަ އެމީހެއްގެ އުމުރުން ފަންސާސް ފަސް އަހަރުވުމުން ޕެންޝަން ރިޓަޔަރމަންޓް ފައިސާ ލިބޭނެގޮތް ފަހިކޮށްދިނުންކަމަށެވެ.މިއިސްލާހަށް ބަހުސްކުރެއްވި މެމްބަރުންވެސް ޕެންޝަން ފައިސާ އަވަހަށް ލިބުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.މޫސާ މަނިކު ހުށަހަޅުއްވާފައި އިސްލާހުގައި ބުނެފައި ވަނީ ޕެންޝަން ސުކީމަށް ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އުމުރުން ސޯޅަ އަހަރާއި ފަސްދޮޅަސް އަހަރާ ދެމެދު ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށްކަމަށެވެ.