ޚަބަރު

ރިޔާސީ އިންތިޚާބުގެ ކުރިން ސްރީ ލަންކާއަށް އަވަސް ނަޒަރެއް!


1948ވަނަ އަހަރު އިނގިރޭސި އިސްތިޢުމާރުގެ ދަށުން މިނިވަންކަން ލިބުނު ސްރީ ލަންކާގައި އެންމެ ފުރަތަމަ އިންތިޚާބުކޮށްފައިވަނީ ބޮޑުވަޒީރެކެވެ. ފެބްރުއަރީ 04، 1948ގައި ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އިންތިޚާބުވެ ވަޑައިގެންނެވީ ސްޓެފެން ސެނެނަޔެކައެވެ. ސެނެނަޔެކައަށްފަހު ސްރީ ލަންކާގެ ބޮޑުވަޒީރަކަށް އިންތިޚާބުވެ ވަޑައިގެންނެވީ ސޮލޮމޮން ބަންޑާރަނަޔެކެއެވެ. ބުޑިސްޓުންގެ ހަރުކަށި މީހަކު ދިން ބަޑީގެ ޙަމަލާއެއްގައި ސޮލޮމޮން ބަންޑާރަނަޔެކެ އަވަހާރަކޮށްލާފައިވަނީ ސެޕްޓެމްބަރު 25، 1959ގައެވެ. ސޮލޮމޮން ބަންޑާރަނަޔެކެ އަވަހާރަކޮށްލުމާ ގުޅިގެން ސްރީ ލަންކާގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގެންނެވީ އޭނާގެ އަނބިކަނބަލުން ސިރީމާވޯ ބަންޑާރަނަޔެކެއެވެ.

ސްރީ ލަންކާގެ ސިޔާސީ މަސްރަޙުގައި ވަރުގަދަ އަދި ނުފޫޒުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައި ބޮޑުވަޒީރުކަމުގެ 3 ދައުރު ސިރީމާވޯ ހޭދަކުރެއްވިއެވެ. ސިރީމާވޯގެ ސަރުކާރު ވައްޓާލުމަށް އެޕްރީލް 5، 1971ގައި ސްރީލަންކާގެ ބައެއް ޒުވާނުން ފުލުހުންނަށާއި ސްރީ ލަންކާ ސަރުކާރުގެ ބައެއް މަރުކަޒުތަކަށް ޙަމަލާދީ ބަޣާވާތްކުރަން މަސައްކަތްކުރި ނަމަވެސް ބޭރުގެ އަސްކަރީ އެހީތެރިކަމާއެކު ސިރީމާވޯ އެކަން ހުއްޓުވައި، ސްރީ ލަންކާއަށް ހަމަޖެހުން ގެންނެވިއެވެ.

އެއަށްފަހު، ސްރީ ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ 1976ވަނަ އަހަރު އެ ޤައުމުގެ ތަމަޅައިން ފެށި ވަކިވެގަތުމުގެ ޙަރަކާތެވެ. ސްރީ ލަންކާގެ އުތުރާއި އިރުމަތީގައި ތަމަޅައިންނަށް ޚާއްސަކޮށްގެން މުސްތަޤިއްލު ދަޢުލަތެއް އުފައްދަން އެ ޤައުމުގެ ބައިމަދު ތަމަޅައިން ވަރުގަދަ ބަޣާވާތެއްފެށިއެވެ. މިއާއެކު ލިބަރޭޝަން ޓައިގާސް އޮފް ޓެމިލް އީލަމް (އެލްޓީޓީއީ)ގެ ނަމުގައި ތަމަޅައިން ހަނގުރާމަވެރި ޖަމާޢަތެއް އުފައްދައި ސްރީ ލަންކާގައި ވަކިވެގަތުމުގެ ޙަރަކާތްތައް ފުޅާކޮށް ސަލާމަތީ ބާރުތަކަށް ޙަމަލާދޭންފެށިއެވެ.

މި ހަނގުރާމައިގެ ހުޅުގަނޑު އެންމެ ބޮޑަށް ފަޅައިގެންގޮސް އެކަން ދިގުލީ ދާޚިލީ ހަނގުރާމައަކަށް ބަދަލުވެގެންދިޔައީ 1983ވަނަ އަހަރު އެލްޓީޓީއީން ސްރީ ލަންކާ ސިފައިންނަށް ޙަމަލާދީ ސިފައިންގެ 13 މީހުން މަރާލުމާ ގުޅިގެންނެވެ. މި ހަނގުރާމަ 26އަހަރަށް ދިގު ދެމިގެންދިޔައިރު ސްރީ ލަންކާގައި 100،000އަށްވުރެ ގިނަ މީހުން މަރުވެ، އެ ޤައުމުގެ އުތުރާއި އިރުމަތީގެ ސަރަޙައްދުތައް ޙަލާކުވެ އެއްކޮށް ވީރާނާވެގެންދިޔައެވެ.

ހަނގުރާމައިގެ ދުވަސްވަރު ދޭ ޙަމަލާތަކާއި ބޮންގޮއްވުމުގެ ޝިކާރައަކަށް ވެރިރަށް ކޮލޮންބޯއާއި އެނޫންވެސް ސަރަޙައްދުތައް ވެގެންދިޔައެވެ. އަދި ސްރީ ލަންކާގެ އިޤްތިޞާދު ހީނަރުވެ ތަރައްޤީ ވަޅުޖެހިގެންދިޔައެވެ. 26 އަހަރުގެ ދިގުލީ ދާޚިލީ ހަނގުރާމަ ނިމުމަކަށްއައީ މެއި 17، 2009ގައި ސްރީލަންކާގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައެވެ.

ސްރީ ލަންކާއަށް މިފަހަކަށް އައިސް ކުރިމަތިވި ސިޔާސީ އެންމެބޮޑު މައްސަލައަކީ އޮކްޓޯބަރު 2018ގައި ރައީސް މައިތުރިޕަލަ ސިރިސޭނާ އެ ޤައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މަޤާމުން ދުރުކޮށް އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ސްރީ ލަންކާގެ ބޮޑުވަޒީރުކަމަށް ޢައްޔަނުކުރެއްވުމެވެ. މިކަމާ ގުޅިގެން ސްރީ ލަންކާއަށް ދުސްތޫރީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ސިރިސޭނާގެ ނިންމުމަކީ ޣައިރުޤާނޫނީ ނިންމުމެއްކަމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން ޙުކުމްކުރިއެވެ. މި ޙުކުމާއެކު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވުމުން ރަނިލް ވިކްރަމަސިންހަ އަލުން ބޮޑުވަޒީރުކަމަށް ޢައްޔަނުކުރެއްވިއެވެ.

ނޮވެމްބަރު 16ވަނަ ދުވަހު ސްރީ ލަންކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޤައުމުގެ އިޤްތިޞާދުވަނީ ފާއިތުވި 18 އަހަރު ތެރޭގައިވެސް ދަށަށް ނުދާވަރަށް ދަށަށްގޮސްފައެވެ. އިޤްތިޞާދު ދަށަށް ދިޔުމުގެ އިތުރުން ސްރީ ލަންކާއަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އަމަނާބެހޭ މައްސަލަތަކާއި ރައީސާއި ބޮޑުވަޒީރާ ދެމެދުގައިވާ ދެބަސްވުންތަކުގެ ސަބަބުން ކުރިމަތިވެފައިވާ އަމަނާބެހޭ މައްސަލަތަކާއި ސިޔާސީ ގަޑުބަޑުތައް ހިމެނެއެވެ.

ސްރީ ލަންކާގެ ރިޔާސީ ރޭހުގައި 35 ކެނޑިޑޭޓަކު ވާދަކުރައްވާއިރު އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވިފައިވަނީ އިދިކޮޅު ޕޮޑުޖަނާ ޕެރުމުނާ ޕާޓީގެ ކެނޑިޑޭޓް އަދި ކުރީގެ ޑިފެންސް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ގޮތަބަޔާ ރާޖަޕަކްސައާއި ވެރިކަންކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ހައުސިންގް މިނިސްޓަރ ސުޖިތް ޕްރެމަދާސާއެވެ.