ޚަބަރު

ޔުނެސްކޯގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ބައިވެރިވެވަޑައިގެންފި


ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗްރަލް އޮގަނައިޒޭޝަންގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ބައިވެރިވެވަޑައިގެންފިއެވެ.

މިމަހުގެ 27ގެ ނިޔަލަށް ފްރާންސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓަރ ތަޤްރީރު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ލެވެލް ފޯރަމްތަކާއި ޔުނެސްކޯގެ މެން އެންޑް ބައޮސްފިއަރ ކައުންސިލްގެ މެމްބަރަކަށް ރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ލޮބީ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ތެރެއިން އެކުވެރިޤައުމުތަކުގެ އެޑިއުކޭޝަން މިނިސްޓަރުންނާއި އެކިއެކި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ އިސްބޭފުޅުންނާއި އަދި ތަޢުލީމީ އެކްސްޕާޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތަޢުލީމީދާއިރާގެ ތަޖުރިބާ ހިއްސާކުުރަމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއަށް ފަންނީ އެހީ ޙޯދުމަށް މަސައްކަތްކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގެ ތެރޭގައި ޔުނެސްކޯގެ އެކިއެކި ބޯޑްތަކާއި ނައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރުމަށް ނަގާ ވޯޓުގައިވެސް ރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމަކީ ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ. މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ޗެއަރޕާރސަން އާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޮރ ޔުނެސްކޯގެ ސެކްޓްރީ ޖެނެރަލްވެސް ބައިވެރިވެވަޑައިގަންނަވައެވެ.