ޚަބަރު

ގެދޮރުވެރިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ބޭންކުތަކުން ފަސޭހަކަމާއިއެކު ލޯނުލިބޭގޮތަށް - އެމްއެމްއޭ


ގެދޮރުވެރިކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ބޭންކްތަކުގެ ތެރެއިން ކުޑަ އިންޓަރެސްޓް ރޭޓްގައި ލޯނުތައް ލިބޭނެ ފުރުސަތު ތަނަވަސް ވެގެންދާނެކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވަހަކަފުޅުދައްކަވަމުން އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު ޢިމާދު ވިދާޅުވީ އިންޓަރެސްޓް ކުޑަ ރޭޓެއްގައި ގެދޮރު ޢިމާރާތްކުރުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ އެމްއެމްއޭއިން ގެންގުޅޭ ވިސްނުމެއްކަމަށެވެ. އެމްއެމްއޭގެ މިސިޔާސަތުގެ ދަށުން ބޭންކުތަކުން ގެދޮރު ޢިމާރާތް ކުރުމަށް ދެވޭ ލޯނުތަކުގައި އިންޓަރެސްޓް ރޭޓް ބަހައްޓަންވީ މިންވަރުވެސް ކަނޑައަޅައި ބޭންކުތަކަށް އަންގާފައިވާކަމަށެވެ.

ނަމަވެސް ފާއިތުވެދިޔަ ތަނުގައި އެކަން ނުވެދިޔައީ ރާއްޖޭގެ އެތެރޭގައި ޑޮލަރު ރޭޓް މަތިވުމުންކަމަށެވެ. އެތެރޭގައި ދައުރުވާ ފައިސާތަކުގެ ރޭޓަށް ބަދަލު އައުމުން ގެދޮރު އިމާރާތްކުރުމުގެ ރޭޓަށްވެސް ބަދަލުތަކެއް އައީކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރުން އެކުލަވާލާފައިވާ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ސަބަބުން ބޭންކުތަން ލޯނު ހޯދާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯން ލިބުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އެންމެބޮޑު އެއްވަޢުދެވެ. ގެދޮރު ޢިމާރާތްކުރާ ފަރާތްތަކަށް ކުޑައިންޓަރެސްޓް ރޭޓުގައި ބޭންކުތަކުން ލޯނުލިބޭނެ ގޮތް ފަހިކޮށްދޭއިރު އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން 10،000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދައުރުގެ ތެރޭގައި 20،000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫޢެވެ.

ހައުސިންގ މަޝްރޫޢުތަކަށް ބޭނުންވާ އިކުއިޓީގެ ގޮތުގައި 600 މިލިއަން ރުފިޔާ އަންނައަހަރަށް ކަނޑައަޅާ ބެޖެޓްގައި ކަނޑައަޅާފައިވެއެވެ.