ސިއްހަތު

މިހާތަނަށް ޑެންގީގެ 4500 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި - އެޗް.ޕީ.އޭ


މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4500 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބު ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 4505 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ 2 އަހަރާއި އަޅާބަލާއިރު، މިއަހަރުގެ މިދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު ގިނަކަންވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.

ޑެންގީގެ ކޭސްތައް މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޭޕްރީލްމަހުގެ ތެރޭގައެވެ. އެގޮތުން އޭޕްރީލްމަހު އެކަނިވެސް ޑެންގީ ހުން ޖެހިގެން 555 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެއާއި، ހުޅުމާލޭގެ އިތުރުން ށ، ނ، ޅ އަތޮޅުންކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ޑެންގީގެ އިތުރުން، ޗިކަންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 1460 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، ޖަނަވަރީމަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޗިކަންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަވި ނަމަވެސް، ޖޫންމަހުން ފެށިގެން ޗިކަންގުންޔާގެ ކޭސްތައް ވަރަށް ބޮޑަށް މަދުވެފައިވާކަމަށެވެ. އެގޮތުން ޖޫން މަހު ޗިކަންގުންޔާގެ 96 ކޭސް ރިޕޯޓްކޮށްފައިވާއިރު، މިދިޔަމަހު މި އަދަދު ވަނީ 7 އަކަށް ދަށްވެފައެވެ.

ޗިކަންގުންޔާޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލޭގެ އިތުރުން، ރ. އަތޮޅާއި ގއ.އަތޮޅުންނެވެ.