ޚަބަރު

ރޭޕްގެ ތުޙުމަތުކުރެވޭ މުވައްޒަފާމެދު ވާނީ ފިޔަވަޅު އަޅާފައި - އައި.ޖީ.އެމް.އެޗް


އައި.ޖީ.އެމް.އެޗްގެ މުވައްޒަފަކު، ބަލިމީހަކާއި ބަދުއަޙްލާޤީ ޢަމަލެއް ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ މުވައްޒަފާމެދު ފިޔަވަޅު އަޅާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗުން ވިދާޅުވީ، އެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕިސްޓަކާއިމެދު ބަދުއަޚްލާޤީ ޢަމަލެއްގެ ތުހުމަތު ކުރެވި، އެ މައްސަލަ ފުލުހުންނާއި އެ ހޮސްޕިޓަލުންވެސް ތަޙްޤީޤު ކުރަމުންދާކަމަށެވެ. އަދި މި މައްސަލައިގައި މުވައްޒަފުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ސާބިތުވާނަމަވެސް، ނުވަތަ ނުވާނަމަވެސް، މިފަދަ މައްސަލަތަކުގައި ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ތުހުމަތުކުރެވުމާއެކު މުވައްޒަފަށް ވަގުތުން ފިޔަވަޅު އަޅާފައިވާކަމަށެވެ. އަދި މިއަދާއި ހަމައަށްވެސް މުވައްޒަފު ހުރީ މަސައްކަތުން އެކަހެރިކޮށްފައިކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 09 ވަނަ ދުވަހު، ދަރުމަވަންތަ ހޮސްޕިޓަލަށް ފިޒިއޮތެރަޕީ ހަދަން ދިޔަ 19 އަހަރުގެ އަންހެނަކާމެދު ފިޒިއޮތެރަޕިސްޓެއް ބަދުއަޙްލާޤީ ޢަމަލު ހިންގިކަމުގެ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލާގައި 28 އަހަރުގެ ބިދޭސީ ފިރިހެނަކަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް މިހާތަނަށް މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އަދި މި މައްސަލަ ތަހުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މައްސަލައިގެ ތުހުމަތު ކުރެވުނު ދުވަހު، އައި.ޖީ.އެމް.އެޗަށް ބަޔަކު ވަދެ، ޚިދުމަތް ހޯދުމަށް އައިސް ތިބި އެހެނިހެން ބަލިމީހުންނާއި އެހީތެރިންގެވެސް ކުރިމަތީ، މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފަށް އަނިޔާކޮށް، މާރާމާރީ ހިންގަމުންދާތީ، އެ ހޮސްޕިޓަލުގެ ފަރާތުންކަމަށް އައި.ޖީ.އެމް.އެޗުން ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ކުރިން އެ މުވައްޒަފަށް ބިރުދައްކައި، އަނިޔާކުރުމަށްފަހު، އެފަދަ ޢަމަލެއް ހިންގިކަމަށް އެއްބަސްކުރުވައި، ވީޑިއޯއެއް ރިކޯޑުކޮށްފައިވާކަންވެސް އައި.ޖީ.އެމް.އެޗުން ބުނެފައިވެއެވެ.