ސިޔާސީ

ނައިބްރައީގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި


ރައީސުލްޖުމްހޫރިއްޔާގެ
ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަސްދޮޅަސް އެއް މެމްބަރުންގެ ސޮޔާއިއެކު
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅަފއިފިއެވެ.ނާއިބުރައީސްގެ އިތުބާރު
ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވީ ޕީޕީއެމް ބާރަށު ދާއިރާގެ މެމްބަރު
އިބްރާހިމް ޝުޖާއުއެވެ.



 ޕީއެސްއެމަށް
މަޢުލޫމާތުދެއްވަމުން ޝުޖާއު ވިދާޅުވީ، މިގަރާރު ހުށައެޅުއްވީ ޕީޕީއެމާއި
އެމްޑީއޭގެ މެމްބަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ 6 މެމްބަރުންނާއި،
ޖުމްހޫރީޕާޓީގެ 5 މެމްބަރުންގެ އިތުރުރުން ،މަޖިލީހުގައި މިވަގުތު ތިއްބެވި
މިނިވަން 2 މެމްބަރުންގެ ސޮޔާއި އެކުގައި ކަަމަށެވެ.



 ޝުޖާއު ވިދާޅުވީ ނާއިބު
ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހުން ނަގާނީ ހުރިހާ ޕާޓީތަކެއްގެ
އެއްބާރުލުމާއި އެކުކަމަށާއި، 70 މެމްބަރުންނަށްވުރެ ގިނަ މެމްބަރުން ވޯޓު
ދެއްވާނެކަމަށް ޔަގީންކުރެވޭކަމަށެވެ. ނައިބު
ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ފާސްވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ
ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު ތިއްބެވި 85
މެންބަރުންގެ ތެރެއިން 57 މެމްބަރުންގެ ވޯޓުންނެވެ.ޝުޖާއު ވިދާޅުވީ، މިއަދު ހުށައެޅި
ގަރާރުގައި މުހައްމަދު ޖަމީލް އަޙްމަދު ނާއިބު ރައީސްކަމުން ދުރުކުރަން ޖެހޭ
ސަބަބު ތަފްސީލްކޮށް ބަޔާންކޮށްފައިވާނެކަމަށެވެ. އަދި މިމައްސަލައާއި ގުޅިގެން
ނާއިބު ރައީސް ޖަމީލާއި މަޝްވަރާ ކުރުމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތްކުރިކަމަށާއި،
އެމަނިކުފާނު މިކަމަށް އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމަށްވެސް އޭނާ
ވިދާޅުވިއެވެ.

ނައިބު
ރައީސް ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު، މަޖިލީހަށް
ޖަވާބުދާރީ ވެވަޑައިގަތުމަށް އެ މަނިކުފާނަށް 14 ދުވަހުގެ މުއްދަތެއް
ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން އަނގަބަހުންނާއި، ވަކީލެއް
ބޭނުން ކޮށްގެންވެސް ޖަވާބުދާރީ ވެވިދާނެކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ
ނާއިބު، މަގާމުން ވަކިކުރަންވެއްޖެނަމަ އެމައްސަލަ ތަޙްގީގްކުރަން ކޮމިޓީއެއް އެކުލަވާނުލައި އެމައްސަލައާ މެދު
ސީދާ މަޖިލީހުގެތަޅުމަށް ގޮތެއް ނިންމޭނެ ގޮތަށް މަޖިލީހުގެ ޤަވާއިދަށްގެނައި
އިސްލާހު އިއްޔެވަނީ މަޖިލީހުން ފާސްކޮށްފައެވެ.