ކުޅިވަރު

މިހާރު ޤައުމީ އަންހެން ވޮލީ ޓީމުގެ އަމާޒަކީ ރަން މެޑަލް ހޯދުން - ރިޔާޝާ


މިހާރު ޤައުމީ އަންހެން ވޮލީ ޓީމުގެ އަމާޒަކީ ރަން މެޑަލް ހޯދުންކަމަށް ސީނިއާ އަންހެން ވޮލީބޯޅަ ޓީމުގެ އާމިނަތު ރިޔާޝާ ބުނެފިއެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލްޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގައި ދިވެހި ޓީމް ފައިނަލުގެ ޖާގަ ހޯދައި ރިހި މެޑަލް ޔަގީންކޮށްފައިވާއިރު، މިހާރު މުޅި ޓީމުވެސް އަމާޒު ހިފާފައިވަނީ ފައިނަލް މެޗުވެސް ކާމިޔާބުކޮށް ރަންމެޑަލް ހޯދާށެވެ. ޤައުމީ އަންހެން ވޮލީ ޓީމްގެ ރިޔާޝާ ބުނީ މިހާރު ޓީމުގެ އަމާޒަކީ ރަންމެޑަލް ކަމަށާއި، މަސައްކަތް ކޮށްފިނަމަ އެކަންވެސް ވާނެކަމަށެވެ.

ރިޔާޝާ ބުނީ، ފައިނަލް މެޗުގެ ކުރިން ލީގުބުރުގައި ނޭޕާލް އާއި ދެކޮަޅަށް މެޗެއް ކުޅެލަން ލިބުމަކީ ނޭޕާލްއެކޭ އެއްފަދައިން ރާއްޖެއަށްވެސް ލިބޭނެ އެޑްވާންޓޭޖެއް ކަމަށާއި އެހެންކަމުން އެމެޗުގައި ބޮޑަށް ވިސްނާނީ ނޭޕާލްގެ ބަލިފައިތަށް ދެނެގަނެ ފައިނަލް މެޗުގައި ނޭޕާލް ބަލިކުރެވޭނެ ގޮތްގަށް ހޯދަން ކަމަށެވެ. ރިޔާޝާ ބުނީ ނޭޕާލް ކިތަންމެ ވަރުގަދަކޮށް ފެނުނު ނަމަވެސް ނަތީޖާއަކީ ކޯޓުމަތީގައި ދައްކާ ކުޅުމާއި ކުރާ ހިތްވަރުން ނިކުންނަ އެއްޗެއްކަމަށާއި، އެހެންކަމުން ރަނގަޅަށް ތައްޔާރުވެގެން ފައިނަލަށް ނިކުމެއްޖެނަމަ ރާއްޖެއަށް މިމުބާރާތުން ރަން މެޑަލްވެސް ހޯދޭނެކަމަށެވެ.

ރިޔާޝާ ބުނީ މުޅި ޓީމުވެސް މަސައްކަތް ކުރަމުންދަނީ އެއް އަޒުމަކާއިއެކު ރާއްޖެ ފަޚުރުވެރިކޮށްދޭން ކަމަށާއި، ސަޕޯޓަރުންގެ ސަޕޯޓާއި ހިތްވަރު ޓީމަށް ވަރަށް ބޭނުން ކަމަށެވެ.

"އަޅުގަނޑުމެން އަސްލު ހާސިލްކުރަން އައި ޓާގެޓް ހާސިލްވެއްޖެ. އެއީ ސިލްވާއެއް ޔަގީން މިހާރު، އެކަމު މިހާރު ހުރިހާ ވިސްނުމެއްވެސް އޮތީ ރަންމެޑަލް ހޯދަން، ނޭޕަލް އެއީ އަޅުގަނޑުމެންނަށް ބަލިކުރެވޭނެ ޓީމެއް، ބޭނުންވަނީ ވީހާވެސް ރަނގަޅަށް ތައްޔާރުވާން. ފައިނަލްގެ ކުރިން ނޭޕާލް އާއި ކުޅެން ލިބޭ މެޗުގައި އެޓީމް ބަލިކުރެވޭނެ ގޮތްތަށް ހޯދަން ކުޅޭނީ." ރިޔާޝާ ބުންޏެވެ.