ކުޅިވަރު

އެންމެންގެ ފޯކަސްހުރީ ފައިނަލަށް، ނޭޕާލް ބަލިކުރެވޭނެ - ހަމްނާ


ނޭޕާލް މެޗުގައި ބޮޑަށް ވިސްނާނީ އެޓީމުގެ ޓެކްޓިކްސްތައް ދެނެގަންނަން ކަމަށާއި ނޭޕާލްއަކީ އެންމެ އެޓޭކް ވަރުގަދަ ޓީމްކަމަށް ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ހަމްނާ ހުސައިން ބުނެފިއެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ލީގުބުރުގައި އެއްމެޗު ބާކީ އޮށްވައި ފައިނަލުން ޖާގަ ހޯދާފައިވާއިރު، ލީގުބުރުގެ ފަހުމެޗުގައި ރާއްޖެ ނިކުންނާނީ ފައިނަލުގައިވެސް ރާއްޖެއާއި އިދިކޮޅުން ވާދަކުރަންޖެހޭ ނޭޕާލް އާއި ދެކޮޅަށެވެ. ނޭޕާލް މެޗަށް ތައްޔާރުވުމުގެ ގޮތުން ޓީމް ކުރިއަށްގެންދިޔަ ފަރިތަކުރުންތަކަށްފަހު ވާހަކަ ދައްކަމުން ހަމްނާ ބުނީ ލީގުބުރުގެ ފަހު މެޗަށްވުރެ ބޮޑަށް ފޯކަސް ހުރީ ފައިނަލް މެޗަށް ކަމަށާއި، ނޭޕާލް އާއި ވާދަކުރާ ފުރަތަމަ މެޗު ނަގަން ބޭނުންވަނީ ޕްރެކްޓިސް މެޗެއްގެ ގޮތުގައި ކަމަށެވެ.

ހަމްނާ ބުނީ ނޭޕަލް އަކީ ވަރަށް ބޯޅަ ޕްލޭސިން ރަނގަޅު ޓީމެއް ކަމަށާއި، އެހެންކަމުން ފައިނަލަށް ނިކުތުމުގެ ކުރިން އެޓީމުގެ އެޓޭކްތަށް ހިފަހައްޓަން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭކަމަށެވެ. އެގޮތުން ފަރިތަކުރުންތަކުގައިވެސް ބޮޑަށް ކުރިއަށްގެންދިޔައީ ޑިފެންސްގެ ބައިތައް ކަމަށާއި އެންމެ މުހިންމު ކަމަކަށް ބްލޮކް ރަނގަޅުކޮށް ކޯޓް ކަވަރިން ރަނގަޅުކުރަން ކަމަށެވެ.

ހަމްނާ ބުނީ ނޭޕާލް އާއި ދެކޮޅަށް ކުޅޭއިރު ރާއްޖެއަށް ރަނގަޅަށް ކޯޓް ކަވަރ ނުކުރެވިއްޖެނަމަ ހުސްތަންތަން ބަލައި ނޭޕާލް އިން ވަރަށް މޮޅަށް އެޓޭކް ކުރާނެ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެހެންކަމުން ނޭޕާލް އާއި ވާދަކުރާ ފުރަތަމަ މެޗުގައި އެޓީމުގެ އެޓޭކް ވަރަށް ރަނގަޅަށް ދަސްކޮށް ބަލިފައިތަށް ދެނެގައްނާނެ ކަމަށްވެސް ހަމްނާ ބުންޏެވެ.

"މިހާރު ބޮޑަށް ފޯކަސް މިއިނީ ފައިނަލް މެޗަށް، އެއީ ނޭޕާލް އަކީ ވަރަށް ޕްލޭސިންގ ރަނގަޅު ޓީމެއް، އެކަމަށް ވަރަށް ސަމާލުކަން ދޭންޖެހޭއެބަ. އެހެންވީމަ ފައިނަލްގެ ކުރިން އެޓީމާއި ދެކޮޅަށް ކުޅޭއިރު ވަރަށް ބޮޑަށް އެޓީމު ދެނެގަންނަން ޖެހޭ. ދެން ބޮޑަށް މި ކުރިއަށްގެންދިޔައީ ބްލޮކް ކަވަރިންނާއި ކޯޓް ކަވަރިންގެބައި، އެޓީމާއި ދެކޮޅަށް ކުޅޭއިރު އެއްވެސް ވަރަށް ހުސްތަންތަން ދޫކޮށްލެވިގެން ނުވާނެ.." ހަމްނާ ބުންޏެވެ.