ޚަބަރު

ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު މަރުވެއްޖެ


ހުޅުމާލެއާވީ ކޮޅުން ބްރިޖުގެ ހައިވޭއަށް އަރާ ސަރަހައްދުގައި އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

މިރޭ 22:40 ހާއިރު ހިނގި މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއްކަމަށް ފުލުހުން ވިދާޅުވެއެވެ. އެ ކުއްޖާ އިނީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައެވެ. މި ހާދިސާގައި ސައިކަލް ދުއްވަން އިން 51 އަހަރުގެ އަންހެން މީހާއަށް އަނިޔާވި ނަމަވެސް އޭނާގެ ހާލަތު ސީރިއަސް ނޫންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި އަންހެން މީހާއަކީ އެކްސިޑެންޓުގައި މަރުވި ކުޑަކުއްޖާގެ މަންމައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގުމާއެކު އަނިޔާވި ކުޑަކުއްޖާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާ، ނަމަވެސް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށެވެ. އަދި އަނިޔާވި 51 އަހަރުގެ އަންހެން މީހާ ފަރުވާދިނުމަށް ގެންގޮސްފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ވުމުން، ސައިކަލްގައި ޖެހުނު ބަސް މަޑުނުކޮށް ގޮސްފައިވާކަމަށެވެ. އަދި އެ ބަސް ހުއްޓުވާފައިވަނީ ހައިވޭގައި ޔޫ ޓަރން ނަގާ ސަރަހައްދުން ކަމަށެވެ. އަދި ބަސް ދުއްވަން އިން 54 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.