ކުޅިވަރު

3 ހާސް ސަޕޯޓަރުންވެގެން 4 ލައްކަ މީހުންގެ އަޑު ނެރެންޖެހޭ: ޢަލީ ވަހީދު


ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާދަމާ ހަވީރު ދިވެހިރާއްޖެއާއި ފިލިޕީންސް ވާދަކުރާ މެޗުގައި 3000 ސަޕޯޓަރުންވެގެން 4 ލައްކަ މީހުންގެ އަޑު ނެރެން ޖެހޭނެކަމަށް ޤައުމީ ޓީމަށް ލަފާދޭ ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ކުރީގެ ކެޕްޓަނުންގެ މައުލޫމާތުތަކާ އެކު ހަދާފައިވާ ޙާއްސަ ސަޕްލިމެންޓާއި ޤައުމީ ޓީމުގެ އޮފިޝަލް އައު ލަވަ ލޯންޗް ކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، މާދަމާގެ މެޗުގައި ރަސްމީ ފުޓްބޯޅަ ދަނޑުގެ މަޖީދީ މަގާއި ވީ ސިޑިބަރި ޙާއްސަކޮށްފައިވާނީ ދިވެހި ސަޕޯޓަރުންނަށްކަމަށާއި، މުޅިރާއްޖެއިން ދަނޑަށް މި މެޗަށް މި ވަދެވެނީ 3000 ސަޕޯޓަރުންނަށްކަމަށެވެ. އެހެންކަމުން މި 3000 ސަޕޯޓަރުންވެގެން 4 ލައްކަ މީހުންގެ އަޑު ދަނޑުގައި ނެރެންޖެހޭނެކަމަށް ޢަލީ ވަހީދު ވިދާޅުވިއެވެ.

އެންމެ ފަހުން ވަރލްޑް ކަޕް ކޮލިފައިންގައި ރަސްމީ ފުޓްބޯޅަ ދަނޑުގައި ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް އިޝާރާތްކޮށް ވާހަކަ ދައްކަވަމުން ޢަލީ ވަހީދު ވިދާޅުވީ، އެ މެޗު ބަލަން ދަނޑަށް ވަނުމުން ހިވީ ޗައިނާގެ ދަނޑަކަށް ވަދެވުންހެންކަމަށާއި، މި މެޗުގައި އެހެންވެގެން ނުވާނެކަމަށެވެ.

ޢަލީ ވަހީދު ވިދާޅުވީ، މި މެޗު ބެލުމަށް ދަނޑަށް ވަންނަންވާނީ 90 މިނެޓު ހަމަވަންދެން އެއްވާނެއްގައި ސަޕޯޓްކުރެވޭނެވަރުގެ ސަޕޯޓަރުންކަމަށެވެ. މާދަމާ ހަވީރު 4 ޖަހާއިރު މެޗު ފަށާއިރު ރަސްމީ ފުޓްބޯޅަ ދަނޑު 2 ޖަހާއިރު ސަޕޯޓަރުންނަށް ހުޅުވާލަން މަސައްކަތް ކުރައްވާނެކަމަށާއި، މެންދުރު ނަމާދަށްފަހު ދަނޑު ހިމެނޭ މަޖީދީ މަގު ސަރަހައްދުގައި ކެއިން ބުއިމުގެ ކަންތައްތައްވެސް އޮންނާނެކަން ޢަލީ ވަހީދު ފާހަގަކުރެއްވިއެވެ.

"އެންމެ ފަހުން ޗައިނާ މެޗު ބަލާލާން އަޅުގަނޑު ދިޔައިރު އަޅުގަނޑު ހީކުރީ ޗައިނާގައި އިނދެވުނީކަމަށް. އެހެންވެގެން ނުވާނެ މިފަހަރު. މިފަހަރު އަޅުގަނޑުމެން ޓިކެޓް އެލޮކޭޓްކޮށްފައި ހުންނާނީ މަޖީދީ މަގު ފަޅި ސިޑިބަރި އޮންނާނީ ދިވެހި ސަޕޯޓަރުންނަށް. އެހެންވީމަ އަޅުގަނޑުމެން ދަނޑަށް ވަންނަ ފަރާތްތަކުން ވަރަށް ލިމިޓެޑް ސީޓްސް މިހުރީ ގާތްގަޑަކަށް 3000 އެއްހާ ސަޕޯޓަރުންނަށް މުޅި ރާއްޖެއިން މި ވަދެވެނީ. އެހެންވީމަ އެ 3000 މީހުން ނެރެންޖެހޭނެ 4 ލައްކަ މީހުން އަޑު". ޢަލީ ވަހީދު ވިދާޅުވިއެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މާދަމާ ހަވީރު ރާއްޖެއާއި ފިލިޕީންސް ވާދަކުރާއިރު، ދަނޑަށް ނުވަދެވޭ ސަޕޯޓަރުންނަށް މަޖީދީ މަގުގައި ބޮޑު ސްކްރީންގައި މެޗު ބެލޭނެ އިންތިޒާމް ދަނީ ހަމަޖައްސަމުންނެވެ.

ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ޕިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، 19 ވަނަ ދުވަހު ގުއާމާ ދެކޮޅަށް ކުޅޭނެއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް 3 މެޗު ކުޅެފައިވާއިރު އޭގެތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމް އަތުން 0-1 އިން މޮޅުވި މެޗެވެ. އޭގެ ފަހުން މާލޭގައި ޗައިނާ އަތުން 0-5 އިން ބަލިވިއިރު، ޔޫއޭއީގައި ސީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އޮތީ ސީރިއާ އެވެ. ދެވަނައިގައި 7 ޕޮއިންޓާއެކު ޗައިނާ އޮތްއިރު، ތިންވަނައިގައި 4 ޕޮއިންޓާއެކު އޮތީ ފިލިޕީންސް އެވެ. އަދި 3 ޕޮއިންޓާއެކު ރާއްޖެ ހަތަރުވަނައިގައި އޮތްއިރު، ފުލުގައި ގުއާމް އޮތީ ޕޮއިންޓެއް ނުލިބި އެވެ.