އަންނަ ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކުރިން ބާއްވާ ކެމްޕޭންގެ ކުރުމުގެ އެންމެ ފަހުގެ ޙަރަކާތްތައް އެ ޤައުމުގައި ފޯރިއާއެކު ކުރިއަށް އެބަދެއެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންދަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި އެއްވުންތައް ބާއްވާ ތަޤްރީރުތައް ދެއްވަމުންނެވެ.
އާދިއްތަ ދުވަހު ބޭއްވި ކޭންޕޭން އެއްވުމެއްގައި ވާހަކަދައްކަވަމުން ސްރީ ލަންކާ ޕީޕަލްސް ޕާޓީ، އެސްއެލްޕީޕީގެ ރިޔާސީ ކެނޑިޑޭޓް ގޮޓަބަޔާ ރާޖަޕަކްސާ ވިދާޅުވީ އިންތިޚާބުގައި ނާކާމިޔާބު ލިބޭނެކަން ޔަޤީންވެފައިވާ ކެނޑިޑޭޓުންދަނީ އޭނަގެ އަގު ވައްޓާލުމަށް ޙަޤީޤަތެއްނެތް ވާހަކަތައް ފަތުރަމުންކަމަށެވެ. އަދި އެ ކެނޑިޑޭޓުން ފަތުރާ ދޮގު މަޢުލޫމާތު ޤަބޫލުނުކުރުމަށްވެސް އޭނާވަނީ ޢާންމުންނަށް ގޮވާލައްވާފައެވެ.
ރާޖަޕަކްސާ ވިދާޅުވީ އޭނާގެ ޕާޓީން ސިޔާސީ ކަންކަމާއި ސަލާމަތާއި އިޤްތިޞާދާ ބެހޭ ގޮތުން އެކުލަވާލާފައިވާ ވަޢުދުތަކާ ބެހޭ މަޢުލޫމާތު ޢާންމުންނަށް ކިޔާ ދެއްވަމުންކަމަށެވެ. ނަމަވެސް، ވޭތުވެދިޔަ ފަސް އަހަރު ދުވަހު ވެރިކަމުގައި ތިއްބަވާ އެއްވެސް ކަމެއް ޙާސިލުވެފައިނުވާ ބައެއްދަނީ މި ކަންކަމަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންކަމަށްވެސް އޭނާ ތުޙުމަތުކުރެއްވިއެވެ.
ގޮޓަބަޔާ ރާޖަޕަކްސާއާ އެންމެ ގާތުން ވާދަކުރައްވާ ނިއު ޑިމޮކްރެޓިކް ފްރަންޓުގެ ކެނޑިޑޭޓު ސަޖިތް ޕްރަމަދޭސާގެ ކެންޕޭން އަމާޒުކޮށްފައިވަނީ ޒުވާނުންނަށެވެ. އޭނާގެ ކެންޕޭން އޮފީހުން ބުނެފައިވަނީ އަމާޒަކީ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ 16 މިލިއަން މީހުންގެ ތެރެއިން ޒުވާންނުންގެ 1.5 މިލިއަން މީހުންގެ ވޯޓު ހޯދުންކަމަށެވެ. މީގެ ތެރޭގައި އިންތިޚާބުގެ ކުރިން ވަކި ގޮތެއް ނުނިންމާ ތިބި 20 އިންސައްތަ މީހުންގެ ވޯޓު ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް އެ ޕާޓީން ބުނެއެވެ.