ޚަބަރު

ކަމެއް ވާނީ ބުނެފައެއް ނޫން - ޤަވާއިދަށް ނުފެތޭ ހެލްމެޓު ބޭނުންކުރުމަކީ ނުރައްކާތެރިކަމެއް


ބުރިޖާއި ހައިވޭގައި ސައިކަލް ދުއްވާ ފަރާތްތަކުން ކަނޑައަޅާފައިވާ ޤަވާއިދުގައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުންކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޤަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ޤަވާއިދާ ޚިލާފަށް ބްރިޖާއި ހައިވޭގައި ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށާ، އެކަމަކީ ރައްކާތެރި ކަމެއް ނޫންކަމަށެވެ. އަދި ޤަވާޢިދުގައި ފާހަގަކޮށްފައިވާ މިންގަނޑަށް ނުފެތޭ ހެލްމެޓް ބޭނުންކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅުއަޅަމުންގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ހެލްމެޓް ނާޅާ ދުއްވުމާއި ހެލްމެޓާ ގުޅޭ 17 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އަދި ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރަމުންދާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ހެލްމެޓް ބޭނުންނުކުރާ މައްސަލަތައް ފުލުހުން ދަނީ ފާހަގަކުރަމުންނެވެ.

ފުލުހުން ވަނީ ޤަވާއިދުގައި ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ހެލްމެޓުތަކުގެ ފޮޓޯވެސް އަލުން އާންމުކޮށްފައެވެ.

ހެލްމެޓު އެޅުމާ ގުޅޭ ޤަވާއިދުގައިވާގޮތުން ސައިކަލު ދުއްވާ ފަރާތާއި ފަހަތުގައި ހުންނަ މީހާވެސް ހެލްމެޓު އެޅުން ލާޒިމުކުރެއެވެ. ސައިކަލު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެލްމެޓު އަޅަން މަޖުބޫރުކުރާ ޤަވާއިދު އެކުލަވާލުމުގައި ދުނިޔޭގެ ކުރިއަރާފައިވާ 10 ޤައުމެއްގެ ހެލްމެޓު ސްޓޭންޑާރޑް ދިރާސާކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހެލްމެޓަކީ އެކްސިޑެންޓުތަކުގައި ސައިކަލް ދުއްވާ ފަރާތްތަކުގެ ބޮލަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންކުރާ އެއްޗެއްކަމުން، ބޭނުންކުރާ ހެލްމެޓުތަކުގައި ވަކި ކަންތައްތަކެއް ފުރިހަމަވެފައި ހުންނަންޖެހެއެވެ. އެގޮތުން ޤަވާއިދުގައިވާގޮތުން ހެލްމެޓު ބޭނުންކުރާ ފަރާތުގެ ދަތްދޮޅި ދަށުން ހަރުކުރެވޭގޮތަށް ބަކަލްކޮޅު ހަރުކޮށްފައި ހުންނަންވާނެއެވެ. ކަރުދަށުން ލައްވާ ކަމަރު ނުވަތަ ބަކަލް ކޮޅުގައި ގޮށް ޖަހާފައިހުރުމާއި ދަގަނޑު އެތޮކިޅުތައް ހަރުކޮށްފައި ހުންނަ ހެލްމެޓުތައްވެސް އެޅުމަކީ މަނާކަމެކެވެ.

މި ޤަވާއިދުގެ ދަށުންކުލަ މެޓީރިއަލްގެ ހެލްމެޓުވެސް އެޅުން މަނާކުރެއެވެ. އެގޮތުން ހެލްމެޓުގެ 90 އިންސައްތަ ހުންނަންވާނީ އެއްކުލައެއްގައެވެ. އަދި ހެލްމެޓުގައި ހުންނަ ސްކްރީނަކީ މޫނުފެންނަފަދަ ހެލްމެޓަކަށްވެސް ވާންޖެހެއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ މައްސަލައެއް ދިމާވެ ހެލްމެޓު އަޅައިގެން ހުރިމީހާ ހޯދަންޖެހޭ ހާލަތުގައި އެކަން ފަސޭހައިން ކުރެވޭނެގޮތްތަކެއް ހަމަޖެއްސުމަށްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްމެޓު ނާޅާ ބުރިޖު ހުރަސްކުރާ ފަރާތްތަކާއި ޤަވާއިދުގައި ބަޔާންކުރާ ފަދަ ހެލްމެޓު ނާޅާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން ޓްރާންސްޕޯޓު މިނިސްޓްރީއާއި ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.