ޚަބަރު

ޕިކްނިކް އައިލެންޑް ހެދުމަށް އާއްމުންގެ ޚިޔާލު ހޯދަން ފޯރަމެއް ބާއްވައިފި


މާލެ ސަރަޙައްދުގައި ޕިކްނިކް ދާނެ ރަށެއް ހެދުމާއި ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދުމަށް ޚާއްސަ ފޯރަމެއް ބާއްވައިފިއެވެ. މިފޯރަމްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި މާލެސިޓީ ކައުންސިލާއި ޕްރޮޖެކްޓްގެ ކޮންސަލްޓެންޓް ލެމަރ ޕްރައިވެޓް ލިމިޓެޑުންވަނީ ބައިވެރިވެފައެވެ.

މިފޯރަމްގައިވަނީ މާލެ ސަރަޙާއްދުގައި ޕިކްނިކް ދާނެ ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުގައި ކްރޮސްރޯޑްސްއާއި ޖެހިގެން އޮތް ސަރަޙައްދު ތަރައްޤީކުރުމާއި ގުޅޭގޮތުން ޢާއްމުންގެ ޚިޔާލު ހޯދާފައެވެ. ޢާއްމުނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށްގެންދިޔަ މި ފޯރަމަށް އާންމުންގެ މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެއެވެ. ފޯރަމްގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ، ޕިކްނިކު ދާން ތަރައްޤީކުރަން ޕްލޭންކޮށްފައިވާ ރަށް އޮތް ސަރަހައްދަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓެއް އޮތް ސަރަހައްދެއްކަމުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބައްދަލުވުމުގައި މި ޕްރޮޖެކްޓުގެ ކޮންސަލްޓެންޓް ޙުސެއިން ޒާހިރު ވިދާޅުވީ ޕިކްނިކްދާން ތަރައްޤީކުރާ ރަށުގައި ޕިކްނިކް ދާ ފަރާތްތަކަށް ޚާއްސަ ކޮޓަރިތަކާއި ކެވޭނެފަދަ އިންތިޒާމުތަކާއި ފިހާރަތައްވެސް ހުންނާނެކަމަށެވެ. އަދި އެސަރަޙައްދަށް ދިޔުމަށް ނަގާ ފީ 80 ރުފިޔާއަށް ވުރެ ބޮޑު ނުކުރުމަށާއި ރަށަށް އެރުމަށް އިތުރު 10 ރުފިޔާ ނެގުމަށް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުން ޕިކްނިކް ދިޔުމަށް ތަރައްޤީ ކުރާ ރަށުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ކުރިއަށްގެންދިއުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.