ޚަބަރު

ޖޭއެސްސީއަށް ފަނޑިޔާރު އާދަމް ހާޒިރުނުވީ ޣައިރު ޤާނޫނީ ކަމެއްގައި ބައިވެރިނުވާންވެގެން - ސުޕްރީމް ކޯޓު


ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އިން ބަލަން ނިންމާފައިވާ ސުލޫކީ މައްސަލައާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގެވި ނަމަވެސް އެ އަމުރަށް ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ތަބާވެވަޑައިނުގެންނެވީ ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމުގެ ގޮތުން ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ޖޭއެސްސީއަށް ހާޒިރުވެވަޑައިނުގެންނެވުމުން މިއަދު އެ ކޮމިޝަނުގެ ތަޙްޤީޤު ކޮމެޓީން ބާއްވަން އުޅުނު ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

އެ ކޮމިޝަނަށް ފަނޑިޔާރު އާދަމް މުޙައްމަދު ހާޒިރުވަޑައިނުގެންނެވި ސަބަބުން ހާމަކޮށް ސުޕްރީމް ކޯޓުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ޖޭއެސްސީ އިން ފަނޑިޔާރު އާދަމް މުޙައްމަދަށް ފޮނުވާފައިވާ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އަކީ އޭގެ ޒާތުގައި ބާޠިލް އަމުރެއްކަމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނޯޓިސްގައިވާ ކަންކަމަކީ ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ނަގައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލެވޭނެ މައްސަލަތަކެއް ނޫންކަމުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކުން ކުރާ ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެއްކަމުގައިވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" ގައި ބަޔާންކޮށްފައިވާ ތަޙުޤީޤަށް ޙާޟިރުވުމަށް އުޛުރުވެރިވެ ވަޑައިގަންނަވާކަމަށް މިއަދު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އަންގަވައިފިއެވެ." އެ ބަޔާނުގައިވެ އެވެ.

އާދަމް މުހައްމަދު އެހެން ވިދާޅުވި ނަމަވެސް މީގެ ކުރިން އެ ނޯޓިސްއަށް ދެ ފަހަހަރަކަށް ކޮމިޝަނުގެ ތަޙްޤީޤަށް އެމަނިކުފާނު ހާޒިރުވަޑައިގެންފައިވެއެެވެ. އަދި އެ މައްސަލައިގައި ފުރަތަމަ ކަންކަން ހިނގާދިޔަ ގޮތް ސުޕްރީމް ކޯޓުގެ މި ބަޔާނުގައިވެސް ފާހަގަ ކުރައްވާފައިވެއެވެ.

އެގޮތުން އެ މައްސަލައިގައި ފަނޑިޔާރު އާދަމްގެ ވަކީލަކަށް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ހަމަޖެއްސެވި ނަމަވެސް އެކަން ބަލައިނުގަތުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ލިބިދީފައިވާ މުސްތަޤިއްލުކަމުގެ މަބްދައާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ޣައިރު ދުސްތޫރީ ޢަމަލެއްކަން ފާޅުކަން ބޮޑުގޮތެއްގައި އެނގޭ ކަމަށް މި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޤާނޫނީ ވަކީލަކު ހަމަ ޖެއްސެވުމަށް ފަނޑިޔާރު އާދަމް މުޙައްމަދަށް އެންމެ ފަހު ފުރުޞަތު ދެއްވި ބައްދަލުވުމުގައިވެސް އެ މައްސަލަތައް ޖޭއެސްސީން ބެލުމާމެދު އާދަމް މުޙައްމަދު އިންކާރު ކުރައްވާފައެއްނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވެފައިވަނީ ކޮމިޝަނަށް އެއްބާރުލުދޭން ބޭނުންވެވަޑައިގަންނަވާ ކަމަށާއި ވަކީލެއް ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން އެ ކޮމިޝަނަށް ހާޒިރުވަޑައިނުގެން ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމުކުރި ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ ޖޭއެސްސީން ބަލަން ނިންމާފައިވާ 15 މައްސަލައަކީ ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ނަގައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލެވޭނެ މައްސަލަތަކެއް ނޫންކަމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ވާހަކަ ދެއްކެވުމަށް ފަނޑިޔާރު ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީއަށް ހާޒިރުވަޑައިނުގެންނެވިއިރު އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދަވަން ކޮމިޝަނުން ނިންމީވެސް އެ ފަނޑިޔާރުގެ އެދިވަޑައިގަތުމަށެވެ.