ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް 7ބިލއަން ޑޮލަރު ހޭދަވޭ


ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ކުރުމަށް 7 ބިލއަން ޔޫއެސް ޑޮލަރާ  ގާތްކުރާ އަދަދެއް ހޭދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވެއްޖެއެވެ.ސައިމަން ވިދާޅުވީ، އެންމެ ފަހުން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި، ހިއްކުމުން ފެށިގެންގޮސް ހައުސިން ޔުނިޓްތަކާއި، ކޮމާޝަލް ސަރައްހަދުތައް ތަރައްގީ ކުރުމާއެކު 7 ބިލިއަން ޔޫއެސް ޑޮލަރާއި ގާތްކުރާ އަދަދެއް ހޭދަވާނެ ކަމަށް ކޮންސަލްޓެންޓުން ލަފާ ދީފައިވާ ކަމަށެވެ.ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތްކުރާނީ ބޭރުގެ އެކި އެކި ފައިނޭންޝިއަލް އިންސްޓިޓިއުޓްތައް މެދުވެރިކޮށް ކަމަށާއި، އެ ފަރާތްތަކާއެކު މިހާރުވެސް މަޝްވަރާތައް ކުރިއަށްދާކަމަށްވެސް، ސައިމަން ވިދާޅުވިއެވެ. އަދި ކުރިންވެސް ތާވަލް ކުރެވިފައިވާ ތާރީޚުގައި ފެނާއި ނަރުދަމާ އާއި، މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ސައިމަން ވިދާޅުވިއެވެ.މީގެ އިތުރުން މިހާރު ހިއްކާފައިވާ ފަސްގަނޑު ހިމާޔަތް ކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތް 3 ސަރަހައްދެއްގައި ކުރިއަށްދާކަން ފާހަގަ ކުރައްވަމުން ސައިމަން ވިދާޅުވީ، ދެވަނަ ފިޔަވަހި ފެހި ކުރުމުގެ މަސައްކަތްވެސް ޚާއްސަ ތާވަލެއްގެ ދަށުން ކުރިއަށްދާ ކަމަށެވެ.ޔޫތު ސިޓީގެ ގޮތުގައި ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ދެވަނަ ފިޔަވަހީގެ ހައުސިން މަޝްރޫއުތައްވެސް މި އަހަރު ފަހުކޮޅު ފަށާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް 240 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.