ޚަބަރު

ފަނޑިޔާރު އާދަމް ހާޒިރުވެވަޑައިނުގަތުމުން ތަހްޤީޤު ބައްދަލުވުން ކެންސަލް


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރެވޭ ސުލޫކީ މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ބާއްވަން އުޅުނު އުޅުނު ތަޙްޤީޤު ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި އެ ފަނޑިޔާރާ ސުވާލުކުރުމަށް ހަމަ ޖައްސާފައި އޮތީ އާންމުންނާއި ނޫސްވެރިންނަށް ވަދެވޭނެ ގޮތައް ބާއްވާ ތަހްގީގު ބައްދަލުވުމެއްގައެވެ. ނަމަވެސް މިއަދު މެންދުރު ފަހު 15.00 ގައި ބާއްވަން އޮތް އެ ބައްދަލުވުން ކެންސަލް ވެފައިވާކަން ޖޭއެސްސީން ވަނީ އަންގާފައެވެ. އޭގެ ސަބަބެއް ޖޭއެސްސީ އިން ވިދާޅެއްނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ބައްދަލުވުން ކެންސަލް ކުރަން ޖެހުނީ ފަނޑިޔާރު އާދަމް މުހައްމަދު ޖޭއެސްސީއަށް ހާޒިރުވަޑައިނުގެންނެވުމުންނެވެ.

އާދަމް މުޙައްމަދުގެ އެދިވަޑައިގަތުމަށް ހުޅުވާލައިގެން ބާއްވަން ހަމަޖައްސާފައިވާ އެ ބައްދަލުވުން ޓީވީ މެދުވެރިކޮށް ލައިވްކުރުމަށް ވެސް އޮތީ ހަމަ ޖައްސާފައެވެ. އާދަމް މުޙައްމަދުގެ މައްސަލަ ބެލުމަށް ޖޭއެސްސީން އެކުލަވާލި އެކޮމިޝަނުގެ މެމްބަރުން ހިމެނޭ ތަޙްޤީޤު ކޮމެޓީން މީގެކުރިން ދެ ފަހަރެއްގެމަތިން އާދަމް މުޙައްމަދާ ސުވާލު ކުރުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އެ ދެފަހަރުވެސް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއްނުވިއެވެ.

ފުރަތަމަ ދުވަހު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ހަމަ ޖެއްސެވި ޑރ.މުހައްމަދު ޖަމީލް އަޙްމަދު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމުން އެމަޖިލިސް ބޭއްވޭ ގޮތެއްނުވިއެވެ. އަދި ދެ ވަނަ ފަހަރަށް ބާއްވަން އުޅުނު މަޖިލިސް ކެންސަލްކުރީ އާދަމް މުހައްމަދު ގާނޫނީ ވަކީލަކާއެކު ވަޑައިނުގެންނެވުމުން ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް އިތުރު ފުރުޞަތެއް ދިނުމަށް ތަޙްޤީޤު ކޮމެޓީން ނިންމުމުންނެވެ.