ކުޅިވަރު

ރަން މެޑައްޔާއެކު ސާފް ގޭމްސްގައި ނަތީޖާ ރަނގަޅުކުރަން ހިތްވަރު ލިބިއްޖެ: ދެބެން


ޕާކިސްތާން އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސް ގައި އަންހެން ޑަބަލްސް ބައިން ލިބުނު ރަން މެޑަލް އަކީ ކުރިއަށް އޮތް ސާފް ގޭމްސްގައި ރަނގަޅު ނަތީޖާއެއް ހޯދަން ލިބުނު ބޮޑު ހިތްވަރެއްކަމަށް ޤައުމީ ބެޑްމިންޓަން ޓިމްގެ ދެބެއިން ބުނެފިއެވެ.

ޕާކިސްތާން ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ދެ ކުޅުންތެރިންގެ ނުވަ ވަނަ މެޑަލް ގެނެސްދީފައެވެ. ނަބާހާ އާއި ނަބީހާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕާކިސްތާނުގެ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާ އަތުން 21-17، 21-13 އިން މޮޅުވެގެންނެވެ.

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހާސިލް ކުރުމަށްފަހު މާލެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ފާތުމަތު ނަބާހާ ބުނީ، މި ލިބުނު ރަން މެޑައްޔަކީ އިންޓަނޭޝަނަލް މުބާރާތަކުން އޭނާއަށް ލިބުނު ފުރަތަމަ ރަން މެޑަލް ކަމަށާއި، މި ކާމިޔާބީއަކީ ރާއްޖޭގެ ބެޑްމިންޓަންއަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކޭކަމަށެވެ.

"މިއީ ބެޑްމިންޓަން ހިސްޓްރީގައިވެސް ނަބާގެ ހިސްޓްރީގައިވެސް ހޯދުނު އެންމެ ބޮޑު ކާމިޔާބީ. ދެން މިއީ ރާއްޖެއަށްވެސް ބެޑްމިންޓައިން ލިބުނު ކުރި އެރުމެއް ކަމަށް ބަލަނީ. ދެން އެކޮޅުގައި ގިނައިން ވާދަކުރީ ޕާކިސްތާނުގެ ޕްލެޔާރސްއާއި ލަންކާ އިންޑިއާ ހިސާބަކުން ނާދޭ ކުދިންނެއް." ނަބާހާ ބުންޏެވެ.

ނަބާހާއާއެކު އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދި އައިމިނަތު ނަބީހާ ޢަބްދުއްރައްޒާޤް ބުނީ، މި ލިބުނު ކާމިޔާބީއާއި ދޭތެރޭ ވަރަށް އުފާވާކަމަށާއި، މުބާރާތައް ދިޔައީވެސް ގޯލްޑް މެޑަލްއެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. ނަބީހާ ބުނީ ކިތަންމެ ގިނަ ގޮންޖެހުންތަކަކާއެކުވެސް މި ހޯދުނު ކާމިޔާބަކީ ކުރިޔަށް އޮތް ސާފް ގޭމްސްއަށް ދިއުމުގެ ކުރިން ލިބުނު ހިތްވަރެއް ކަމަށެވެ.

"ވަރަށް އުފާވޭ އެކަމު މި ނަތީޖާއާއި ދޭތެރޭ ސަޕްރައިޒްއެއް ނުވޭ. ނަބީ މި އަހަރު ތެރޭ ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއި ކުރި ހާޑް ވޯކާއި ބަލާފަ ފުދޭ ވަރަކަށް ޑިޒާވް ހެން ހީވަނީ. ދެން މުބާރާތައް ދިޔައީވެސް ގޯލްޑް ހޯދަން". ނަބީހާ ބުންޏެވެ.

ރާއްޖެއަށް ބެޑްމިންޓަނުން ފުރަތަމަ ފަހަރަށް ގޯލްޑް މެޑަލް އެއް ލިބުނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. އައިއޯއައިޖީގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދީ އައިމިނަތު ނަބީހާއެވެ. ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.