ޚަބަރު

ސުޕްރީމް ކޯޓްގެ 4 ފަނޑިޔާރުގެ 51 މައްސަލައެއް ބަލަނީ


ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަކަމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހާމަކުރައްވައިފިއެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކާ ގުޅޭގޮތުން މިއަދު އިނގިރޭސިބަހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ފަނޑިޔާރުންނާ ގުޅުންހުރި މައްސަލައެއް ނުވަތަ ޝަކުވާއެއް އެކޮމިޝަނަށް ހުށައަޅާއިފިނަމަ އެއްވެސް ފަސްޖެހުމެއްނެތި އަދި ލަސްކުރުމެއްނެތި ކުރިއަށް ގެންދަވާކަމަށެވެ.

ޖޭއެސްސީންވަނީ އެ ކޮމިޝަންގެ ޒިންމާ ވަރަށް ސާފްކޮށް އެ ކޮމިޝަނަށް އެނގޭކަމަށާ، ފަނޑިޔާރުންނާ ގުޅުންހުރި 200 މައްސަލައެއް އެ ކޮމިޝަނަށް ހުށައަޅާފައިވާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރަކުރުމާއި، ބާރުގެބޭނުން ނަހަމަ ގޮތުގައި ހިފުމާއި، ކޮރަޕްޝަންގެ މައްސަލަތައްވެސް ހިމެނޭކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ޖޭއެސްސީން ވިދާޅުވީ ސުޕްރީމް ކޯޓްގެ ހަތަރު ފަނޑިޔާރުން ހިމެނޭ 51 މައްސަލައެއް މިހާރު ބަލަމުން އަންކަމަށާއި، އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު ޢަބްދުﷲ ޢަރީފްގެ 14 މައްސަލައަކާއި، ފަނޑިޔާރުއ ާދަމް މުޙައްމަދު ޢަބްދުﷲގެ 16 މައްސަލައިގެ އިތުރުން ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ތިން މައްސަލަކަމަށެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި، ވެރިކަން ހިންގުމުގެ ބާރަށާއި، ދަށު ކޯޓްތަކަށް ތަކުރާރުކޮށް އިންޒާރުދިނުމާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ޖޭއެސްސީގެ މައްސައްކަތްތަކަށް ހުރަސްއެެޅުން ހިމެނޭކަމަށެވެ.

ޖޭއެސްސީން ވަނީ މި ޝަކުވާތައް ރައްޔިތުން އުފުލާތާ ދިހަވަރަކަށް އަހަރުވެފައިވާކަމަށާއި، ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ގުޅޭގޮތުން ބޭރުގެ ބައެއް ފަނޑިޔާރުން އެކުލަވާލާފައިވާ ރިޕޯޓްތަކުންވެސް އެކަން ހާމަވެފައިވާކަމަށެވެ.