ސިޔާސީ

މަޝްވަރާތަކުގައި އެމްޑީޕީގެ ޕީޖީ ލީޑަރ ބައިވެރިވަނީ


އިދިކޮޅު ފަރާތްތަކާއެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޕީ.ޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލީޙް ބައިވެރިކޮށްދިނުމަށް ސަރުކާރަށް މިއަދު ހުށަހަޅާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.އެމް.ޑީ.ޕީން ބުނީ، ސަރުކާރާއެކު މަޝްވަރާތަކުގައި އެޕާޓީގެ ޕީ.ޖީ ގްރޫޕް ލީޑަރު ބައިވެރިކޮށްދިނުމަށް އެދި ރައީސް އޮފީހަށް މިހާރު ސިޓީ ފޮނުއްވާފައިވާކަމަށެވެ.އެހެންނަމަވެސް މިސިޓީ ރައީސް އޮފީހަށް ލިބިފައިވާކަމެއް އަދި ޔަގީނެއް ނުކުރެވެއެވެ.އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމް.ޑީ.ޕީން ކުރިން ބުނަމުންދިޔައީ ސަރުކާރާއެކު ބާއްވާ މަޝްވަރާތަކުގައި އެޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިނުކުރާނަމަ، މަޝްވަރާތަކުގައި އެޕާޓީން ބައިވެރިނުވާނެކަމަށެވެ.ނަމަވެސް އެޕާޓީގެ ނިންމުން ބަދަލުކޮށް، ނަޝީދާއިނުލާވެސް މަޝްވަރާތަކާއިގެން ކުރިއަށް ދިޔުމަށް އެމް.ޑީ.ޕީން މިހާރު ވަނީ ނިންމާފައެވެ.މަޝްވަރާތަކުގައި ސަރުކާރަށް ހުށަހެޅުމަށް އެޕާޓީން ނިންމާފައިވާ ކަންކަމުގެތެރޭގައި މިހާރު އޮތް ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މަޝްވަރާތަކުގެ މެދުވެރިއެއްގެ ގޮތުގައި އިންޑިޔާ ކަނޑައެޅުމާއި، މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަރާތްތަކާ، ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ހުށަހެޅުން ހިމެނެއެވެ.