ޚަބަރު

ބަދަލު ދޭން ޖެހިފައިވަނީ ޔާމީނާއި ވަޙީދުގެ ސަރުކާރުން އަމަލުކުރި ގޮތުން - އަސްލަމް


މިސަރުކާރަށް އެކި ފަރާތްތަކަށް ބަދަލުދޭން ޖެހިފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ޢަމަލުކުރެއްވި ގޮތުންކަމަށް އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ މިސަރުކާރުން އެކި ފަރާތްތަކަށް ބަދަލުދޭ ވާހަކަ ޕީޕީއެމްގެ މެމްބަރުން ދައްކާތީ އެކަމަށް ރައްދު ދެއްވާފައެވެ.

"ދަންނަވާލަން ބޭނުންވަނީ ޔާމީންގެ ސަރުކާރުން ކުރި ނުރަނގަޅު ވިޔާނުދާ އަމަލުތަކުގެ ސަބަބުންނޭ މި ސަރުކާރަށް ބަދަލު ދޭން ޖެހިފައި މި އޮތީ. ވަހީދުގެ ސަރުކާރުން ކުރި އެތަކެއް ނުރަނގަޅު އަމަލުތަކެއްގެ ސަބަބުންނޭ ރައްޔިތުންނަށް ބަދަލުދޭން ޖެހިފައި ހުރީ. ނުހައްގުން އެއްބަސްވުންތައް އުވާލުމުގެ ސަބަބުންނޭ ބަދަލު ދޭން މި ޖެހުނީ. މީހުންގެ ހައްގަށް އަރައިގަތީމަ އޭ ބަދަލު ދޭން އަޅުގަނޑުމެނަށް ޖެހިގެން މި އުޅެނީ،" އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންނަށް ލިބުނު ގެއްލުމަށް ޒިންމާވާންޖެހޭ ފަރާތްތައް ޒިންމާދާރުކޮށް އެމީހުންގެ މައްޗަށް އިންސާފު ޤާއިމުކުރެވިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެމްޑީޕީގެ ޢާންމު މެމްބަރުންގެ ޝަކުވާތައް ވަރަށްގިނަކަމަށާ، އެކަމުން އަރައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިންނާއި އަދި ޕާޓީގެ ލީޑަރޝިޕުން މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

ޕާޓީގެ މެމްބަރުންގެ އެންމެބޮޑު ކަންބޮޑުވުމަކީ މެމްބަރުންނާއި ޕާޓީއާ ވަރަށްބޮޑަށް ދުރުވެގެން ގޮސްފައިވުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އެކަމުގެ ހައްލެއްގެ ގޮތުން ޕާޓީގެ ކޮންގްރެސް ކޮންމެ އަހަރަކު އެއްފަހަރު ބާއްވަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ޕާޓީގެ ގޮފިތައް އިންތިޒާމްވެގެން ދިއުމާއި ޕާޓީގެ ޢާއްމު މެމްބަރުންނާ ޕާޓީއާގުޅުން ރަނގަޅުވެގެންދާނެކަން އަސްލަމް ފާހަގަކުރެއްވިއެވެ.

ޕާޓީގެ މެމްބަރުން ސިޔާސީ އެކި ކަންކަމުގައި އުޅުމުގެ ސަބަބުން އާންމު މެމްބަރުންނަށް ފާއިތުވި އަހަރުގެ ތެރޭގައި ލިބިގެންދިޔަ ގެއްލުތަކުގެ ބަދަލު ސަރުކާރުގެ ފަރާތުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލް މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ހޯދައިދޭނެކަމަށް އަސްލަމްވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން މިހާރަށްވުރެ ބޮޑަށް ހިނގަންޖެހޭ ކަމަށާ، ނައިބު ރައީސް މަގާމު ލިބިވަޑައިގެންފި ނަމަ އެކަން ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.