ޚަބަރު

ޖޭއެސްސީގެ ތަޙްޤީޤު ކޮމެޓީން، ފަނޑިޔާރު އާދަމް މުޙައްމަދާ ސުވާލުކުރުން މާދަމާ!


ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްޗަށް ތުހްމަތު ކުރެވޭ ސުލޫކީ މައްސަލައިގައި މާދަމާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް ޙާޒިރުކުރުމަށް ހަމަ ޖައްސައިފިއެވެ.

ޖޭއެސްސީން ވިދާޅުވިގޮތުގައި ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލައިގައި ސުވާލުކުރުމަށް ބާއްވާ މަޖިލިސް ބޭއްވުމަށް ހަމަ ޖެހިފައިވަނީ މާދަމާ މެންދުރުފަހު 15.00ގައެވެ.

އާދަމް މުޙައްމަދުގެ އެދިވަޑައިގަތުމަށް އޭނާއާ ޖޭއެސްސީގެ ތަހްގީގު ކޮމެޓީން ސުވާލު ކުރަނީ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައެވެ. އެހެން ކަމުން އެ މަޖިލިސް ފެށުމުގެ 15 މިނެޓް ކުރިން ނަން ނޯޓްކުރާ ފަރާތްތަކަށް ޖާގަ އޮތްވަރަކުން ފުރުސަތު ދޭނެ ޖޭއެސްސީންވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިމައްސަލާގައި މީގެކުރިން ދެފަހަރެއްގެމަތިން ތަހްޤީޤު ކޮމެޓީން އާދަމް މުޙައްމަދާ ސުވާލު ކުރުމަށް މަސައްކަތްކޮށްފައި ވީނަމަވެސް ދެ ދުވަހުވެސް ތަހްޤީޤުގައި ސުވާލު ކުރެވޭ ގޮތެއްނުވިއެވެ. ފުރަތަމަ ދުވަހު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ހަމަ ޖެއްސެވި ޑރ.މުހައްމަދު ޖަމީލް އަޙްމަދު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމުން އެމަޖިލިސް ބޭއްވޭ ގޮތެއްނުވިއެވެ. އަދި ދެ ވަނަ ފަހަރަށް ބާއްވަން އުޅުނު މަޖިލިސް ކެންސަލްކުރީ އާދަމް މުހައްމަދު ގާނޫނީ ވަކީލަކާއެކު ވަޑައިނުގެންނެވުމުން ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ތަހްގީގު ކޮމެޓީން ނިންމުމުންނެވެ.