ވިޔަފާރި

2022ވަނަ އަހަރުގެ ބަޖެޓަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ - ރައީސް


2022ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2020ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާފައިވާނީ ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކަށް ވިސްނައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެ މިންވަރަށް ބަލައި ދަރަނި އަދާކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަމާއެކުކަމަށެވެ.

އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން އިންޓްރެސްޓް ބޮޑުކޮށް ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް އެއްފަހަރާ، ދައްކަންޖެހުމާއެކު 2022ވަނަ އަހަރުގެ ބަޖެޓް އެކުލަވާލުމަށް ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ވިސްނުންތެރިކަމާއެކު، ތައްޔާރުނުވެ ތިބިއްޔާ 2022ވަނަ އަހަރު ދައުލަތުގެ ބަޖެޓަށް ގޮންޖެހުންތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. އެއީ ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓްގައި ވިއްކާފައިވާ 200 މިލިއަން ޑޮލަރުގެ ސޮވަރިން ބޮންޑް، އެ އަހަރުގެ ތެރޭގައި އެއްފަހަރާ ދައްކަންޖެހޭތީ. މިކަމަށްވެސް ހައްލެއް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓަކީ 5.7 ބިލިއަން ރުފިޔާ ޑެފިސިޓްވާ ބަޖެޓެކެވެ. ސަރުކާރުން މިހާރު ވަނީ ބަޖެޓް ޑެފިސިޓްވާ ފައިސާ ދެއްކުމަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ވިއްކުމަށް ނިންމާފައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ޚާރިޖީ ދާއިރާއިން ރާއްޖެއަށް ފާއިތުވި އެއް އަހަރުދުވަހުގެ ތެރޭގައި ލިބުނު ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ފާއިތުވި އަހަރެއްހައި ދުވަހުގައި ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އަބޫދާބީން ކުރިން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 25 މިލިއަން ޑޮލަރު 50 މިލިއަން ޑޮލަރަށް ބަދަލުކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.