ކުޅިވަރު

ތާރީޚީ ކާމިޔާބީގެ ހުރިހާ ޝުކުރެއް ހައްޤުވަނީ ކުޅުންތެރިންނަށް: ފައިސަލް


މި މުބާރާތަށް ކަނޑައެޅި ޓާގެޓް ހާސިލްވީ ކުޅުންތެރިންގެ އެތައް ބައިވަރު ގުރުބާނީއެއްގެ ސަބަބުން ކަމަށާއި، ކާމިޔާބީގެ ފަހަތުގައި ވަނީ ކުޅުންތެރިންގެ މިނެއްނެތް މަސައްކަތާއި ހިތްވަރު ކަމަށް ސީނިއާ އަންހެން ޤައުމީ ވޮލީބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗު މުޙައްމަދު ފައިސަލް ބުނެފިއެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ އަންހެން ވޮލީބޯޅަ މުބާރާތުގައި އަފްޣާނިސްތާން އަތުން މޮޅުވެ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށްފަހު ކޯޗު ފައިސަލް ބުނީ، މިއީ ކުޅުންތެރިން ވަރަށް ގިނަ ދުވަސްތަކެއް ވާންދެން ދެކެމުންއައި ހުވަފެނެއް ކަމަށާއި، މިކާމިޔާބީގެ ފަހަތުގައި ވަނީ ކުޅުންތެރިންގެ މިނެއްނެތް މަސައްކަތާއި ހިތްވަރު ކަމަށެވެ. އަދި މި ކާމިޔާބީ ލިބުނީ ކުޅުންތެރިން އެތައް ގިނަ ގުރުބާނީއެއް ވެގެންކަން އޭނާ ފާހަގަކުރިއެވެ.

ކޯޗު ފައިސަލް ބުނީ މިއަދުގެ މެޗައް ނިކުތް އިރުގައިވެސް ފައިނަލަށް ދެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށާއި، ސަބަބަކީ މީގެ ކުރިން މުބާރާތުގައި ޓީމުތަކުން ދެއްކި ކުޅުން ކޮންމެވެސް ވަރަކަށް ބަލާފައިވުމުން އަފްޣާނިސްތާން ސީދާ ތިން ސެޓުން ބަލިކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި މިހާތަނަށް ކުޅުނު ތިންމެޗުވެސް ކާމިޔާބުކޮށް ފައިނަލުން ޖާގަ ކަށަވަރުވެފައި އޮތުމުން ލީގުބުރުގެ ފަހު މެޗުގައި ވަރުގަދަ ނޭޕާލް އާއި ދެކޮޅަށް ވާދަކުރާ މެޗަށް އެއްވެސް ހާސްކަމެއް ނެތްކަމަށްވެސް ފައިސަލް ބުންޏެވެ.

"އަލްޙަމްދުﷲ، އަޅުގަނޑުމެންނަށް މި ލިބުނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް، މިއީ މިކުޅުންތެރިން މާކުރިންވެސް ދެކެމުންއައި ހުވަފެނެއް، އެކަން މި ހާސިލްވީ އެކުޅުންތެރިންގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ސަަބަބުން، އެކުޅުންތެރިންނަށް ތައުރީފް ހައްގު، ދެން މިމެޗަށް ނިކުތް އިރުވެސް ވަރަށް އިތުބާރު އޮތް އަފްގާނިސްތާން ތިންސެޓުން ބަލިކުރެވޭނެކަމުގެ، އެއީ އެޓީމުގެ ކުޅުން ފެނިފަ ހުރީމަ ވަރަށް ބޮޑަށް ތައްޔާރުވެގެން އައީވެސް ސީދާ ތިންސެޓުން މޮޅުވާން" ކޯޗް ފައސިަލް ބުންޏެވެ.

ލީގު ބުރުގެ އެއްވަނައާއި ދެވަނައަށް ނޭޕާލްއާއި ދިވެހިރާއްޖެ ދިޔުމުން އަންނަ ބުރާސްފަތި ދުވަހު ކުޅޭ ފައިނަލްގައި ކުޅޭނީ ނޭޕާލްއާއި ދިވެހިރާއްޖެއެވެ. ނަމަވެސް ފައިނަލް މެޗުގެ ކުރިން ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރާނެއެވެ.