ވިޔަފާރި

300 މިލިއަން ޑޮލަރުގެ ބޮންޑެއް ޖަޕާނަށް ވިއްކަނީ


300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް، ޖަޕާނަށް ވިއްކަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، މި ބޮންޑަކީ 2020 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް ވިއްކާ ބޮންޑެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 0.75 އިންސައްތަކަމަށެވެ. ގެރެންޓީ ފީ އާއި މެނޭޖްމެންޓް ފީ އިތުރުކުރުމުން މިއަދަދަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ތިންސަތޭކަ މިލިއަން ޑޮލާސް އަޅުގަނޑުމެން އެއްފަހަރާ ޕްލޭސްކުރާނީ. އެކަމަކު ތިން ޓްރާންޗެއްގެ ގޮތުގައި. އެއީ 8 އަހަރުން މެޗުއާވާ އެއްޗަކާއި 9 އަހަރު އަދި 10 އަހަރުން މެޗުއާވާ ގޮތަށް. އެހެންވީމަ 100 މިލިއަން ޑޮލަރުގެ ތިން ޓްރާންޗެއްގެ ގޮތުގައި އެއްފަހަރާ ޕްލޭސްކުރާނީ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ތިންސަތޭކަ މިލިއަން ޑޮލަރުގެ ބޮންޑު ގެރެންޓީ ކުރާނީ ޖަޕާން ބޭންކް ފޮ އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)އިން ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ. ސަމުރާއީ ބޮންޑަކީ ޖަޕާނަށް ހާއްސަ ފޮރިން ބޮންޑެކެވެ.