ޚަބަރު

މެޑިކަލް ސްކޫލް ޤާއިމްކުރުމަށް 35 މިލިޔަން ރުފިޔާ


އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި މެޑިކަލް ސްކޫލް ޤާއިމްކުރުމަށް 35 މިލިޔަން ރުފިޔާ ހިމަނައިފިއެވެ.

މެޑިކަލް ސްކޫލް ކުރިއަށްގެންދަނީ ޕާކިސްތާން ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މެޑިކަލް ކޮލެޖްގެ ޑީން ޑރ.ޝީޒާ ޢަލީ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކުރާ ރާއްޖޭގެ ފުރަތަމަ މެޑިކަލް ކޮލެޖުގައި މިހާރުވެސް 2 ބެޗެއްގެ ދަރިވަރުން ކިޔަވަމުންދާކަމަށެވެ. މިގޮތުން ފުރަތަމަ ބެޗްގައި 22 ދަރިވަރުން އަދި ދެވަނަ ބެޗްގައި 27 ދަރިވަރުން ކިޔަވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މެޑިކަލް ކޮލެޖު ހިންގުމަށް އެ އިމާރާތުގެ 2 ފަންގިފިލާ ވަނީ ޤައުމީ ޔުނިވަރސިޓީއަށް ދީފައެވެ. ރާއްޖޭގައިފެށި އެންމެ ފުރަތަމަ މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވައިދޭނީ އެންމެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެންކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މެޑިކަލް ކޮލެޖަށް ބޭނުންވާ ފަރުނީޗަރާއި އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ މެޑިކަލް ކޮލެޖުގައި 3 ލެބޯޓަރީއަކާއި، ލެކްޗަރ ހޯލަކާއި، ޓިއުޓޯރިއަލް 4 ކޮޓަރީގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ. މެޑިކަލް ކޮލެޖުގައި ކިޔަވާ ދަރިވަރުން ޢަމަލީ ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.